އެމެރިކާގެ ރައީސް ކަމުގެ އައު ދައުރަކާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންފިއެވެ. 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުަގައި ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް އެންމެ ފަހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައި އައު ދައުރެއް ޓްރަމްޕް ޔަޤީންކުރެއްވީ ކުރިއަށްވުރެ ވަރުގަދަ ކޮށެވެ. 2021ވަނަ އަހަރު ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވަމުން ޓްރަމްޕު ވިދާޅުވި ބަސް މިއަދު އިވޭ ކަހަލައެވެ. ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް ހިތްވަރު އެލުވާ ނުލައްވައި އެ ދުވަހު ޓްރަމްޕް ވިދާޅުވީ އޭނާ ފެެއްޓެވި މަސައްކަތް އަދި ނިމުމާ ގާތް ވެސް ނުވާ ކަމަށެވެ. އެ ކަން މިއަދު އޭނާ އެ ދަނީ ސާބިތު ކޮށްދެއްވަމުންނެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމިގެން ދިޔައީ ދެރަވަރު ގޮތަކަށެވެ. އޭރު އޭނާ ވަނީ ސިޔާސީ މަސްރަހުން ބާކީ ކޮށްލައި އޭނާގެ އަމިއްލަ ޕާޓީން ވެސް އެކަހެރި ކޮށްލައިފައެވެ. މީސްމީޑިޔާ ޕްލެޓުފޯމްތައް ބޭނުންކުރެއްވުން މަނާކުރުމުގެ އިތުރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވެސް ދިޔައީ އޭނާ މަޤާމުން ދުރު ކުރުމަށް އައު ހިތްވަރަކާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަދު މި ވަނީ ޙާލަތު މުޅިން ބަދަލުވެފައެވެ. އުމުރުން 78 އަހަރުގެ ޓްރަމްޕް އައު ދައުރެއްގެ ހުވައި ކުރެއްވީ ކުރިއަށްވުރެ ބޮޑު ސިޔާސީ ރައުސުލްމާލަކާ އެކުގައެވެ. އޭނާއަކީ 21ވަނަ ޤަރުނުގެ އެންމެ ފާހަގަ ކޮށްލެވޭ ސިޔާސީ ޝަޚުސިއްޔަތު ކަމާމެދު ޝައްކެއް ނެތެވެ. ކުރިން ވެރިކަމަށް ވަޑައިގެންނެވި ގޮތާ ޚިލާފަށް އައު ދައުރު އޭނާ ކާމިޔާބު ކުރެއްވީ މަޤުބޫލު ވޯޓުގެ އިތުރުން އިލެކްޓޯރަލް ކޮލެޖުގެ އަޣުލަބިއްޔަތު ވެސް ހޯއްދަވައިގެންނެވެ. ރިޕަބްލިކަން ޕާޓީން ވެސް ވަނީ އެ ޕާޓީގެ މައި ލީޑަރުގެ ގޮތުގައި އޭނާ ބަލައިގެންފައެވެ. ޕާޓީ ތެރޭގައި ތިބި އޭނާއަށް ފާޑު ކިޔާ މީހުންގެ އަޑު މަޑުވެ މިއަދު ގުގުމާލަމުން ދަނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހިތްވަރު ދީ އެހީތެރިވާން ތައްޔާރަށް ތިބި މީހުންގެ އަޑެވެ.
ޓްރަމްޕްގެ އާރާއި ބާރުގެ ފަހަތުގައިވާ އަސްލަކީ ވޮޝިންގޓަންގެ މައްޗަށް އޮތް އޭނާގެ ބިޔަ ނުފޫޒެވެ. ސުޕްރީމު ކޯޓުގައި ތިއްބެވި ފަނޑުޔާރުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަަޔަކީ ޓްރަމްޕް ޢައްޔަނު ކުރައްވާފައިވާ ފަނޑިޔާރުންނެވެ. އެހެން ކަމުން ސުޕްރީމު ކޯޓު ވެސް އޮތީ ޓްރަމްޕަށް ލެނބިފައެވެ. އެއާ އެކު އޭނާގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް މާ ބޮޑު ހުރަހެއް މިއަދަކު ނެތެވެ. އޭގެ އިތުރުން ސިލިކަން ވެލީގެ މުހިންމު ޝަޚުސިއްޔަތުތައް ވެސް ތިބީ ޓްރަމްޕުގެ ރުހުން ހޯދުމަށް ފެންބޮވައިގެންފައެވެ. ޓްރަމްޕާ ގުޅުން ބަދަހި ކުރަން ކުރިން ބޭނުން ނުވި ޓެސްލާގެ އީލޯން މަސްކާއި މެޓާގެ މާކް ޒަކަބާގު ވެސް މިއަދު ތިބީ ޓްރަމްޕްގެ ފަހަތުގައެވެ. ގިނަ ޢަދަދެއްގެ އިންފްލުއެންސަރުންނާއި ޕޮޑްކާސްޓަރުން ވެސް ދަނީ ޓްރަމްޕްގެ ވާހަކަތައް އެތައް މިލިޔަން މީހުންނަށް ގެނެސްދީ އޭނާގެ ސިޔާސަތުތައް މަޝްހޫރު ކޮށްދެމުންނެވެ.
އައު ދައުރުގައި ޓްރަމްޕަށް ވާރުތަ ވަނީ ވަރުގަދަ އިޤްތިޞާދެކެވެ. މިހާރުގެ ރައީސް ޖޯ ބައިޑަނަށް ކުރިމަރިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރަޙައްދީ ރޮނގުތަކުން ޤަވާއިދާ ޚިލާފަށް އެތެރެވަމުން ދިޔަ މީހުންގެ މައްސަލައެވެ. ނަމަވެސް އެ މައްސަލަ ވެސް މިހާރު މި ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކަން މިހެން އޮތް ނަމަވެސް ޓްރަމްޕް ރާއްވަވަމުން ދަނީ ވިޔަފާރިއާއި އިޤްތިޞާދީ ބައިވެރިންގެ މައްޗަށް ބޮޑެތި ފީތަކެއް ކަނޑައަޅުއްވައި އެމެރިކާގައި ޤަވާއިދާ ޚިލާފަށް ދިއިރުޅޭ މީހުން މިލިޔަނުން އަނބުރާ ޤަައުމުތަކަށް ފޮނުވުމަށެވެ. އެއީ އެމެރިކާގައި ތަކެތީގެ އަގު އުފުލި ޙިއްޞާގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުޞަތު އޮތް ފިޔަވަޅުތަކެކެވެ. ޓްރަމްޕްގެ ހަރުކަށި ވިޔަފާރި ސިޔާސަތުތަކާއި ސަރުކާރުގެ ޚަރަދު ކުޑަ ކުރުމަށް ދެއްވައި އަޙައްމިއްޔަތުކަމުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ ޔަޤީންކަން ކުޑަވުމަކީ ވުން އެކަށީގެންވާ ކަންކަމެވެ. ޤައުމުގެ ދަރަނި ބޮޑުތަނުން އިތުރުވާ ނަމަ ބޮންޑު ބާޒާރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް ބެލެވެއެވެ. 2017ވަނަ އަހަރު ޓެކްސް ކުޑަ ކުރަން ޓްރަމްޕް ނިންމެވި ނިންމެވުގެ މުއްދަތު އިތުރު ކުރަން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންތައް ނުކުރައްވައިފި ނަމަ ދުނިޔޭގެ ބާޒާރުތަކުން އެކަން ބަލައި ނުގަތުން އެކަށީގެންވެއެވެ.
2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިޢުލާނު ކުރައްވައި ޓްރަމްޕްގެ ކެންޕެއިން އިފްތިތާހު ކުރެއްވީ 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މެދު ދައުރުގެ އިންތިޚާބުގައި ޓްރަމްޕަށް މުހިންމު ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންތަކަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ހަމަ އެ ދުވަސްވަރު ޓްރަމްޕާ ދެކޮޅަށް ވެސް ގިނަ ޖިނާޢީ އަދި މަދަނީ ތަހުޤީޤުތައް ދިޔައީ ކުރަމުންނެވެ. ރިޕަބްލިކަން ޕާޓީއަށް ނިޞްބަތްވާ ފޮލްރިޑާގެ ގަވަރުނަރު ރޮން ޑީސަންތިސް ވެސް ގެންދެވީ އޭނާއަކީ “ޓްރަމްޕް ނޫން ގޮތެއް” ކަމަށް ޕާޓީއަށް ދައްކުވައި ދެއްވަމުންނެވެ. މި ސަބަބުތަކާ ހުރެ ޓްރަމްޕްގެ ކެންޕެއިން ފެށިގެން ދިޔައީ ވަނދު ގޮތަކަށެވެ. ނަމަވެސް މި ހުރިހާ ގޮންޖެހުންތަކެއް ހުރިއިރު ވެސް ޓްރަމްޕްގެ ސިޔާސީ ރައުސުލްމާލު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވެ ބިޔަވެ އިތުރުވަމުންނެވެ. 2023ވަނަ އަހަރުގެ ތެރޭގައި ޓްރަމްޕާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލުމާއެކު ރިޕަބްލިކަނުން އޭނާގެ ދިފާޢުގައި ތެދުވުމުން, ރިޕަބްލިކަނުންގެ މެދުގައި އަނެއްކާ ވެސް ޓަރަމްޕުގެ މަޤުބޫލުކަން އިތުރުވިއެވެ. މި ޙައްސާސް ޙާލަތުގައި ޓްރަމްޕްގެ ކެންޕޭނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ލިބި, އިންތިޚާބުގައި ރިޕަބްލިކަނުންގެ ފަރާތުން ވާދަ ކުރުމަށް ޕާޓީން އެދޭ ކެންޑިޑޭޓަކީ ޓްރަންޕް ކަމަށް ބެލެވެން ފެށިއެވެ. ކަން ހިނގައި ދިޔައީ ވެސް ހަމަ އެހެނެވެ.
ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލައާއި ޤަވާއިދާ ޚިލާފަށް އެމެރިކާގައި ދިރިއުޅޭ މީހުންގެ މައްސަލައާ މެދު ޢަމަލު ކުރައްވަމުން ދިޔަ ގޮތާ ގުޅިގެން ރައީސް ބައިޑަންގެ މަޤުބޫލުކަން ވެސް އެ ދުވަސްވަރު ދިޔައީ ގެއްލެމުންނެވެ. އެންމެ ފަހުން, އިންތިޚާބަށް ވަގުތު ކުޑަތަން ވެެފައި ވަނިކޮށް ބައިޑަން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން އިޢުލާނު ކުރައްވައިފައެވެ. އެއާ އެކު ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެއްވިދާނެކަމުގެ ޔަޤީންކަން އިތުރުވެގެން ދިޔައެވެ. ސިޔާސީ މަޞްރަޙް ބަދަލުވަމުން ދިޔަ ގޮތުގެ ފުރިހަމަ ބޭނުން ހިއްޕަވައި ޑިމޮކްރަޓުުންގެ ތެރޭގައި ހިމެނޭ ގިނަ ފިކުރުތަކާއި ނަޞްލުތަކުގެ ތާޢީދު ޓްރަމްޕް ހޯއްދެވިއެވެ.
ޓްރަމްޕްގެ ކެންޕޭނަށް ލިބުނު އިތުރު ބާރަކަށް ވެގެން ދިޔައީ އޭނާގެ ފުރާނަ ދުއްވާލަން ދިން ބަޑީގެ ޙަމަލާއެއްގައި އޭނާއަށް އަމާޒުކޮށް ޖެހި ވަޒަނެއް އޭނާގެ ހަށިކޮޅަށް ނާރައި އެ ޙަމަލާއިން އޭނާ ސަލާމަތްވެވަޑައިގަތުމެވެ. ކެންޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދަނިކޮށް އެ ޙަމަލާ ދިނުމާއެކު ވަގުތުން ތެދުވެވަޑައިގަންނަވާ ގޮވައިލެއްވި ގޮވައިލެއްވުމަކާއެކު އޭނާ ވަނީ އޭނާއަށް ތާޢީދު ކުރާ މީހުންގެ ޖޯޝް ކައްކުވާލައްވައިފައެވެ. އޭގެ އިތުރުން އޭނާއަށް ކުރިމަތިވެވަޑައިގެންފައިވާ ޤާނޫނީ ގޮންޖެހުންތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވެ އެ ޙާލަތު ވެސް ވަނީ އޭނާއަށް ބާރު ލިބޭ ގޮތަށް އަނބުރާލައްވައިފައެވެ. އެންމެ ފަހުން ކަން ނިމި ދިޔައީ އޭނާއާ ދެކޮޅަށް އުފުލި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް އަނބުރާ ގެންގޮސްގެނެވެ.
ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޤައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ޓްރަމްޕް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެ ގޮތުުން މައި ސަރުކާރުގެ ހިންގުމަށާއި ޝަރުޢީ ނިޒާމަށް ފުޅާ ދާއިރާއެއްގައި ބަދަލުތައް ގެންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޑެންމާކުގެ ބައެއް ކަމުގައިވާ ގްރީންލޭންޑު ގަތުމަށް ވިސްނަވަމުންދާ ޓްރަމްޕް ވަނީ ޕެނަމާ ކެނޭލް ވެސް އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މި ފަދަ ބޮޑެތި ރޭވުންތަކުގެ ސަބަބުން ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް ކުރިއަށް އޮތް ދައުރަކީ ވެސް ހަލަބޮލި އަދި އާދަޔާ ޚިލާފު ދައުރަކަށް ވާނެކަމާމެދު ސުވާލެއް ނެތެވެ.
ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ ވޮޝިންގޓަން އަލުން ބައްޓަން ކުރައްވައިފައެވެ. ރިޕަބްލިކަނުންނެކޭ އެއްގޮތަށް ޑިމޮކްރެޓުން ވެސް މިހާރު ދަނީ ޓްރަމްޕްގެ ސިޔާސަތުތަކުން ފިލާވަޅު ދަސްކޮށް ޗައިނާ ފަދަ ޤައުމުތަކާ ގުޅުން ބޭއްވުމުގައި އެ ސިޔާސަތުތައް ބޭނުން ކުރަމުންނެވެ. ޚުދު ބައިޑަންގެ ސަރުކާރުން ވެސް ވަނީ ޓްރަމްޕް ތަޢާރަފް ކުރެއްވި ގިނަ ސިޔާސަތުތަކެއްގައި ހިފަހައްޓާފައެވެ. ކޮންމެއަކަސް ޓްރަމްޕަކީ ކިތަންމެ ތަފާތު ޝަޚުސިއްޔަތެއް ނަމަވެސް އަދި ކިތަންމެ ތަފާތު ޚިޔާލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ނަމަވެސް އޭނާގެ ނުފޫޒާ ގާތަށް ވެސް އެހެން ސިޔާސީ ޝަހުސިއްޔަތަކަށް ސިޔާސީ މަޞްރަޙްގައި ބާރު ނުފޯރުވޭނެކަން މި ވަނީ ޔަޤީން ވެފައެވެ. އެމެރިކާގެ މުޅި ސިޔާސީ މަސްރަހު ބަދަލުކޮށްލި މޭސްތެރިޔާގެ ގޮތުގައި ޓްރަމްޕްގެ ނަން މި ވަނީ ތާރީޚުގެ ތެރޭގައި ފަވާލެވިފައެވެ. މިއީ ޙަޤީޤަތުގައި ވެސް ޓްރަމްޕްގެ ޒަމާނެވެ.