ކެޕްޓަން ލިއޮނެލް މެސީއާއެކު އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާއަށް ދާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އަދި އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ޓީމު އިންޑިޔާގައި ތިބޭނީ ހަފުތާއެއް ވަންދެން ކަމަށް އިންޑިޔާ ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކެރެލާގެ ސްޕޯޓްސް މިނިސްޓަރ އަބްދުއްރަހީމަން ވިދާޅުވީ މެސީއާއެކު އާޖެންޓީނާގެ ޓީމު އިންޑިޔާގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ ކަމަށެވެ. އެއީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރ މަހުގެ ދެ ވަނަ ދުވަހާ ދެމެދު ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަދި ބެލޮންޑިއޯ އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ މި ދެ މެޗުގައި ވެސް ކުޅޭނެ ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވި އެވެ.
އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މެޗުތައް ކުޅުމުގެ އިތުރަށް 25 މިނިޓަށް ސަޕޯޓަރުންނާ ބައްދަލުކުރުމަށް މެސީ އާއްމުންގެ ތެރެއަށް ނުކުންނާނެ ހާއްސަ އިވެންޓެއް ވެސް އޮންނާނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު ޝެޑިއުލް ފައިނަލް ކުރުން ކަމަށެވެ.
މިއީ އާޖެންޓީނާގެ ގައުމީ ޓީމު އިންޑިޔާ އަށް ދަތުރުކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް މެސީއާއެކު ޓީމު އިންޑިޔާ އަށް ދިޔަ އެވެ. އެއީ ވެނެޒުއެލާއާއެކު ކުޅުނު މެޗަކަށެވެ. އެ ފަހަރު ވެސް ސަޕޯޓަރުން މެސީ ދެކިލުމަށް ވަނީ މަގުތައް ފުރާލައިފަ އެވެ.
މި ފަހަރުގެ ދަތުރުގައި ވެސް މެސީގެ އިތުރުން ގޯލްކީޕަރު މާޓިނޭޒް އާއި ލިވަޕޫލަށް ކުޅޭ މިޑްފީލްޑަރު އެލެކްސިސް މެކްއަލިސްޓާ އާއި އިންޓަމިލާނުގެ ފޯވަޑް ލައުޓާރޯ މާޓިނޭޒާއި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ފަދަ ތަރިން އިންޑިޔާ އަށް ދާނެ އެވެ.