ބުރޫނާއީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކޮލަރޝިޕް ފުރުސަތުގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބުރޫނާއީގެ 5 ޔުނިވަރސިޓީއެއްގައެވެ.
އަދި މިއީ ބުރޫނާއީގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމް"ގެ ދަށުން ދިވެހިންނަށް ހޯދައިދީފައިވާ ފުރުޞަތެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ސްކޮލަރޝިޕްގެ ދަށުން ބުރޫނާއީގައި ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަމަށެވެ.
މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި މެޑިކަލް އިންޝުރެންސް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ދަށުން ވަރަށް ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމް ޙާސިލްކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރުމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ސްކޮލަރޝިފަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބުރޫނާއި ގަޑިން 16:00ގެ ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށްވެސް މަތީ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.