ޚަބަރު

ރައީސް އެސްޓޯނިއާގެ ޓަލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރއަށް ޒިޔާރަތްކުރައްވައިފި


  • މިއީ ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރ

  • އިއާދަކުރަނިވި ހަކަތައާއި ގުޅޭ ޒަމާނީ މަސައްކަތްތައް ސެންޓަރުގައި ކުރިއަށްދޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރސް (ޖީ.ޑީ.ސީ.)އަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގްރީނަރޖީ ޑޭޓާ ސެންޓަރސްއަށް ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ، ކެރްތް އެވެރްތް އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލްއެވެ.

މި ޒިޔާރަތުގައި ޖީ.ޑީ.ސީ.ގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޕްރެޒެންޓޭޝަނެއް ހުށައަޅައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ޔާކްސޯ ވަނީ، މި ސެންޓަރުގެ މުހިންމު އެއް އަމާޒަކީ ސެންޓަރުގެ ޕާޓްނަރުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުކޮށްދިނުމަށްޓަކައި އެޑްވައިޒަރީ ރޯލެއް އަދާކުރުންކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރ ބައްލަވާލައްވާ، ހަކަތަ ސަމަކާރަ ކުރުމާގުޅޭ މަސައްކަތްތަކާއި ޑޭޓާ ރައްކާކުރުމުގައި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ސެންޓަރަކީ ދެހާސް ވިހި ވަނަ އަހަރު އެފެދުނު ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އެ ސެންޓަރުގެ ސެކިއުރިޓީއާއި ސަވެއިލަންސް ބެލެހެއްޓުމުގެ ނިޒާމަކީ އެޑްވާންސްޑް އޭ.އައި ޓެކްނޮލޮޖީއަށް ބަރޯސާވާ ނިޒާމެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މި ސެންޓަރުގައި ހަކަތަ ސަމަކާރަ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކުނިން އުފެދޭ ހޫނު ހަކަތައަށް ބަދަލުކޮށްގެން ބޭނުންކުރެއެވެ.

މި ސެންޓަރުން އެ ސަރަޙައްދުގެ ރަށްތައް ދެމެހެއްޓެނިވި ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށްޓަކާ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރުކުރެވޭ، ހަރުދަނާ، ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ވިއުގައަކުން ގުޅާލުމަށް އެހީތެރިވެދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފައެވެ. ރައީސްގެ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.