ކުޅިވަރު

އޮލްމޯ ރަޖިސްޓަރީ ކުރުމުގައި ބާސެލޯނާއިން ގޯހެއް ނަހަދާ!


ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރީ ކުރުމުގައި ގޯހެއް ހަދާފައި ނުވާނެ ކަމަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ ބުނެފިއެވެ.

ސްޕެނިޝް ލީގާއި އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން އޮލްމޯ އާއި ވިކްޓަރ ރަޖިސްޓަރ ކޮށްނުދިނީ ކުޅުންތެރިޔާ ދާއިމީ ކުރަން ދީފައިވާ މުއްދަތުގައި ބާސެލޯނާއަށް އެކަން ނުކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ބާސެލޯނާއަށް އެކަން ނުކުރެވުނީ ލީގުގެ މާލީ ގަވާއިދުތަކަށް އެ ކުލަބު ނުފެތުމުންނެވެ. އެއާއެކު އެ ދެ ކުޅުންތެރިން ވަނީ ރަޖިސްޓަރީން އުނިކޮށްފައެވެ. އަލުން ރަޖިސްޓަރ ކުރަން ގަވާއިދު ތަން ދީފައެއް ނުވެއެވެ. ސްޕެނީޗް ލީގުން އެންމެ ފުރަތަމަވެސް އޮލްމޯ ރަޖިސްޓަރީ ކޮށްދީފައިވަނީ ހަ މަސް ދުވަހަށެވެ.

އެއާއެކު ކުޅުންތެރިން ރަޖިސްޓަރ ކުރާ ލީގުގެ ގަވާއިދަކީ މިހާރަށް ފެތޭ އެއްޗެއް ނޫން ކަމަށް ބުނެ ބާސެލޯނާއިން ވަނީ މި މައްސަލަ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށައަޅާފައެވެ. އަދި ދަށު ކޯޓުތަކުންނާއި ލީގާއި ފެޑަރޭޝަނުން އެކަން ކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ބާސެލޯނާއަށް ކާމިޔާބުވީ ސްޕެއިންގެ ކުޅިވަރު ކަންކަން ނިންމާ އެންމެ މަތީ ކައުންސިލް ކަމަށްވާ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ދެ ކުޅުންތެރިން ރަޖިސްޓަރ ކުރުމަށް ވަގުތީ ހުއްދައެއް ދިނުމުންނެވެ.

އެ ދެ ކުޅުންތެރިން ރަޖިސްޓަރީ ނުކޮށްދީފައިވަނީ ބާސެލޯނާގެ މާލީ ހާލަތު ދަށްވެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ ގޮތްތަކެއް އެ ކުލަބުގެ މާލީ ހިސާބުތަކުން ދައްކާފައިނުވާތީއެވެ. އަދި ފަހުން އެ ކުލަބުން ވަނީ ރަސްމީ ދަނޑުގެ ވީއައިޕީ ބޮކްސް ވިއްކާލުމަށްފަހު ކުޅުންތެރިންނަށް މުސާރަ ދެވޭނެކަން ކަށަވަރުކޮށްދީފައެވެ.

ލަޕޯޓާ ބުނެފައިވަނީ މެދުއިރުމަތީގެ ފަރާތްތަކަށް ވީއައިޕީ ބޮކްސް ވިއްކާލުމަށް ނިންމާފައިވާއިރު, އެ ކުލަބުގެ ކިޓް ސްޕޮންސަރ ކަމުގައިވާ ނައިކީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ހަތް އަހަރަށް އިތުރު ކުރުމާއެކު، ކްލަބުގެ މާލީ ނުތަނަވަސްކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ސްޕެއިންގެ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ހުއްދަ ދިނުމާއެކު ސްޕެނިޝް ލީގުގެ ބައެއް ކުލަބުތަކުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެކަމަށްވެސް އެ ލީގުން ވަނީ ބުނެފައެވެ.