ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފި


  • އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކުގެ ތަފްސީލު ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫއްރިއްޔާއަށާއި ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.