ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށައެޅުއްވި މި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވިއެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާ ތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އެ ޓެކްސް ނަގަން ފަށްޓަވާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ޓޫރިސްޓް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިން ކޮންމެ ފަތުރުވެރިއެއްގެ އަތުން 6 ޑޮލަރުގެ ޓެކްސްއެއް އަންނަނީ ނަގަމުންނެވެ. ނަމަވެސް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގުން މިހާތަނަށް ޤާނޫނުގައި ކަނޑައެޅިފައެއް ނުވެއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގޭނެކަމަށެވެ. ގްރީން ޓެކްސް ނަގައި ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިއަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއްކަމަށް އިޞްލާޙުގައިވެއެވެ.
އަދި މި ޤާނޫނު ފާސްވުމުން ޓޫރިސްޓް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 ޑޮލަރުގެ ރޭޓުން ޓެކްސް ނެގޭނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ބިލް ދިރާސާކުރެއްވި މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މި ބިލަށް ކުދި އިޞްލާޙުތައް ގެންނަވާފައެވެ. އެގޮތުން ގެސްޓު ހައުސްތަކުން ނަގަން ހުށަހެޅި 6 ޑޮލަރުގެ ގްރީން ޓެކްސް، 3 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. ރާއްޖެއަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށް ގިނަ މެމްބަރުން ތާއީދުކުރައްވާ ވާާހަކަ ދެއްކެވިއެވެ. ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ހަރުދަނާކުރުމަށް ނަގަންފަށާފައިވާ ޓެކުހެކެވެ.