ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދިފާޢުގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުން ތެދުވެ، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފާސްކޮށްފިއެވެ. އެމެރިކާއިން އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ، ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް އެ ކޯޓުން ނެރުމާ ގުޅިގެންނެވެ.
އަނިޔާވެރި ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން އަމުރު ކޮށްފައި ވަނީ، އޭނާގެ އެންގުމަށް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. އެ ޢުދުވާނަކީ ފަލަސްޠީނުގެ މުސްލިމުންގެ ނަސްލެއް ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމެއްގެ ގޮތުގައި އައިސީސީން ވަނީ ކަނޑައަޅާފައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 46,000އަށް އުފުލިފައިވާ ކަން ޣައްޒާގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މި ޢުދުވާނާ ގުޅިގެން ނިރުބަވެރި ނަތަންޔާހޫގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ވެސް އައިސީސީން ވަނީ އަމުރު ކޮށްފައެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.
އައިސީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބިލެއް ފާސްކޮށްފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް (ކޮންގްރެސް)ގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ހައުސު)ންނެވެ. އެ މަޖިލީހުން ފާސްކޮށްފައި ވަނީ އައިސީސީން ޣައިރުޤާނޫނީ އަމުރެއް ނެރެފައިވާ ކަމުގައެވެ. ހައުސްގެ 243 މެންބަރުން އެ ބިލަށް ތާޢީދު ކޮށްފައިވާއިރު، އެއާ ދެކޮޅަށް ވޯޓު ދީފައި ވަނީ 140 މެންބަރުންނެވެ.
އައިސީސީއާ ދެކޮޅަށް ހައުސަށް ބިލެއް ހުށަހަޅާފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ. އެ ބިލަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ 45 މެންބަރުން ތާޢީދު ކުރިއެވެ. އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ 198 މެންބަރުން އެ ބިލަށް ތާޢީދު ކުރިއެެވެ. އެ ބިލުގައި ބުނެފައި ވަނީ، އެމެރިކާގެ ރައްޔިތެއް، ނުވަތަ އައިސީސީގެ މެންބަރަކަށް ނުވާ އެމެރިކާގެ އެކުވެރި ޤައުމެއްގެ ވެރިއަކު، އިސްރާއީލް ހިމެނޭ ގޮތުން، ތަޙުޤީޤުކޮށް، ހައްޔަރުކޮށް، ހިފަހައްޓައި، ދަޢުވާ އުފުލާ ބޭރު މީހުންނާއި އިދާރާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގައެވެ.
"އެމެރިކާއިން މި ޤާނޫނު ފާސްކޮށްފައި މި ވަނީ ކެންގަރޫ ކޯޓަކުން އަޅުގަނޑުމެންގެ އެންމެ ބޮޑު އެކުވެރިޔާ، އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވާތީ،" ހައުސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ބްރަޔަން މާސްޓް ވިދާޅުވިއެވެ. އޭނާއަކީ ހައުސްގެ ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.
މިއީ، އެމެރިކާގެ ކޮންގްރެސްގެ އައު ދައުރު ފެށި ފަހުން ހައުސަށް ހުށަހަޅައި ފާސްކޮށްފައިވާ ފުރަތަމަ ބިލެވެ. މި ބިލާ އެކު، އެމެރިކާގެ އިންތިޚާބީ-ރައީސް ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއާއި ޒަޔަނިސްޓުންނާ ދެމެދު އޮތް ގާތް ގުޅުންތައް ހާމަވެގެން ގޮސްފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ކޮންގްރެސްގެ ތިރިގެ، ހައުސްގެ އިތުރުން މަތިގެ، ސެނެޓުގެ އަޣުލަބިއްޔަތު ވެސް އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާނީ މި ހިނގާ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އަދި، ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު އައިސީސީއާ ދެކޮޅަށް ފާސްކޮށްފައިވާ ބިލު ތަސްދީޤު ކުރައްވާނެ ކަމަށް ބެލެވެއެވެ.
އައިސީސީއާ ދެކޮޅަށް އެމެރިކާގެ ހައުސުން ބިލެއް ފާސް ކުރުމާ ގުޅިގެން އެ ކޯޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޯޓުން ބުނީ، އެމެރިކާގެ ނިންމުމާ އެކު، ޒަޔަނިސްޓުންގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދުމުގެ ޙައްޤު ގެއްލުމުގެ ފުރުޞަތު އޮތް ކަމުގައެވެ.
"މި ކޯޓާއި ކޯޓުގެ އޮފިޝަލުންނާ ދެކޮޅަށް އަދި ކޯޓަށް ގެއްލުން ދިނުމަށް އިންޒާރުދިނުމާއި، އަދި ކޯޓުގެ ޝަރުޢީ މިނިވަންކަމާއި ޒިންމާއަށް ބާރު ފޯރުވުމާއި، އެތަކެއް މިލިޔަން ބަޔަކަށް އަނިިޔާދިނުމަށް ހިންގަމުންދާ ބައިނަލްއަޤުވާމީ ޖަރީމާތަކާއި، އިންސާފަށް ހުރަސް އެޅުމުގެ އެންމެހައި އަމަލެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އައިސީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއީ، އައިސީސީއާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2020ވަނަ އަހަރު ވެސް، ޓްރަމްޕްގެ ކުރީގެ ވެރިކަމުގެ ދައުރުގައި، އެމެރިކާއިން އައިސީސީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެއީ، ނިރުބަވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ހިންގާފައިވާ ޖަރީމާތަކާއި، އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިންސާނިއްޔަތާ ޚިލާފު އަދަބު ދިނުމުގެ މައްސަލަ އައިސީސީން ތަޙުޤީޤު ކުރަން ފެށުމާ ގުޅިގެން އެ ކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ޓްރަމްޕްގެ ވެރިކަމުގައި އައިސީސީއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާފައި ވަނީ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައެވެ. ނަމަވެސް، އައިސީސީއާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އެޅުމާ މެދު ސަރުކާރުން ކޮންގްރެސާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން 2023ވަނަ އަހަރުގެ މޭ މަހު ހާމަ ކުރައްވާފައިވެއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލު ހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ރައީސް ޖޯ ބައިޑަނެވެ. ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ގެންދަވަނީ ބައިޑަނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 46,006އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 109,378 މީހުން ޒަޚަމު ކޮށްލާފައެވެ.