ޚަބަރު

"ސްޕެކްޓްރާ"، ރާއްޖޭގެ ސްޓޮކް މާކެޓުގައި ލިސްޓްކޮށްފި


ރާއްޖޭގެ ސްޓޮކް މާކެޓްގައި ފުރަތަމަ ފަހަރަށް ލިސްޓް ކުރި، ސަތޭކަ އިންސައްތަ ދިވެހި އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ސްޕެކްޓްރާ ޕަބްލިކް ލިމިޓެޑް ރަޖިސްޓްރީކޮށްފިއެވެ. 

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނި ވަނީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އިފްތިތާހުކޮށްފައެވެ. އާންމުންނަށް ހިއްސާ ވިއްކުމާއި ބޮންޑު ވިއްކައިގެން ފަންޑު ހޯދުމަށް ބޭނުންވާ ކުންފުނިތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިދިޔަ އަހަރު ތަޢާރަފްކުރި "ފަންސާސް" ބޯޑުގައިވެސް އެންމެ ފުރަތަމަ ލިސްޓްކުރި ކުންފުންޏަކަށް ވެގެންގޮސްފައި ވަނީ ސްޕެކްޓްރާއެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، ސްޕެކްޓްރާ ފަދަ އުމުރުން ހަގު ކުންފުންޏެއް މިފަދަ ބޮޑު ފިޔަވަޅެއް ކުރިއަށް އެޅުމަކީ އެހެނިހެން އަމިއްލަ ކުންފުނިތަކަށްވެސް ނަމޫނާއެއް ކަމަށެވެ. އަދި ހިއްސާގެ ބާޒާރުގައި ކުންފުންޏެއް ލިސްޓް ކުރުމުން، ކުންފުންޏަށް ލިބޭނެ ފަސޭހަތަކަށް ޝަރީފް އަލިއަޅުއްވާލެއްވިއެވެ.

ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ލިސްޓްކުރުމުން، އަލަށް އެކުލަވާލި އެކުންފުނީގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މައުމޫން ވިދާޅުވީ، މުސްތަޤްބަލުގައި ކުންފުނީގެ ވިޔަފާރި ފުޅާކޮށް ގެދޮރު ޢިމާރާތް ކުރުމާއި ރިއަލް އެސްޓޭޓް ގެދާއިރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް ނިންމާފައިވާކަމަށެވެ. ހިއްސާގެ ބާޒާރުގައި އެ ކުންފުނިން ލިސްޓު ކުރިނަމަވެސް ހިއްސާ ވިއްކަން ހަމަޖައްސާފައިވާ އުސޫލްތަކާއި އަގުތައް އެކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. 10 އޯގަސްޓް 2008 ގައި އުފެއްދި ސްޕެކްޓްރާ ޕްރައިވެޓް ލިމިޓެޑަކީ ޢިމާރާތްތަކުގެ އެތެރެ ޑިޒައިން ކުރުމާއި ޢިމާރާތްތައް ނިންމުމުގެ މަސައްކަތައް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ޙިދުމަތް ދެމުންގެންދިޔަ ކުންފުންޏެކެވެ. ސްޕެކްޓްރާ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.