ޚަބަރު

ޔޫތް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޒުވާނުންނަށް މަތީ ތަޢުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައްވައިފިއެވެ.

އަންނަ އޮގަސްޓްމަހުގެ ހަތަރަކުން ހަޔަކަށް ބާއްވާ މި ފެއަރ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ  "ދަ އޮޕޮޗުނިޓީ ޕޫލް" މި ޝިއާރުގެ ދަށުންނެވެ. މިފެއާގައި ސްޓޯލްތައް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު، އެހެން އަހަރުތަކާ ޙިލާފަށް މިއަހަރުގެ ފެއަރގައި ޒުވާނުންނަށް ހުރި ތަފާތު ފުރުޞަތުތައް ދައްކުވައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން، މިއަހަރުގެ ޝިޢާރާއި ގުޅުވައިގެން ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ، ތަޢުލީމާއި ތަމްރީނު އަދި ވިޔަފާރި ކުރަމުންގެންދާ ޒުވާނުންގެ ވިޔަފާރިތަކާ ވިޔަފާރީގެ ބާޒާރަށް ތަޢާރަފުކުރަން ބޭނުންވާ އައު އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ ފުރުސަތާއި އިޖުތިމާޢީ މަސައްކަތުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، އެކުވެރި މާޙައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނެގޮތް ފަހިކޮށްދިނުމަށް ރާވަވާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޖުލައި 18 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށްވެސް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.