ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށްގެންގޮސްފި


  • 40 މީހަކު ލޭ ހަދިޔާ ކުރި

  • މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 14:00 އިން 17:00އަށް

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ހައިކޮމިޝަނާއި ރޯޔަލް ޓައިގަރ ސްޕޯޓްސް ކްލަބް ގުޅިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 14:00 އިން 17:00 އަށް މޯލްޑިވިއަން ބްލަޑް ސަރވިސްގައެވެ. މި ކޭމްޕްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންވެސް ވަނީ ލޭ ހަދިޔާކޮށްފައެވެ.

އިންޑިއާގެ މިނިވަން ދުވަހާއި ޖުމްހޫރީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެ ރޯޔަލް ޓައިގަރ ސްޕޯޓްސް ކްލަބާ ގުޅިގެން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ކޭމްޕް އަންނަނީ ބާއްވަމުންނެވެ. މިއަހަރުގެ މިކޭމްޕްގައި 40 މީހުން ލޭ ހަދިޔާކުރިކަމަށް ރޯޔަލް ޓައިގަރ ސްޕޯޓްސް އިން ބުނެއެވެ.

ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ރޯޔަލް ޓައިގަރސް ކްލަބުގެ ގޮތްޕެއްކަމަށްވާ ރޯޔަލް ޓައިގަރ ސްޕޯޓްސް ކްލަބުން އިންޑިއަން ކަލްޗަރަލް ސެންޓަރާއި، ހައިކޮމިޝަން އޮފް އިންޑިއާ އަދި އިންޑިއާގެ އެހެނިހެން ޖަމްޢިއްޔާތަކާ ގުޅިގެން، އިޖްތިމާޢީ އަދި ޗެރިޓީ ހަރަކާތްތައް އިންތިޒާމުކޮށް ހިންގަމުން ގެންދެއެވެ.

މި ކްލަބުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، ހިލޭ ސާބަހަށް ބާއްވާ ސިއްޙީ ފަރުވާދިނުމުގެ ކޭމްޕްތަކާއި، އާންމު ސިއްޙަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، ސަގާފީ މުނާސަބަތުތަކާއި، ކާރިސާތަކުގައި އެހީތެރިވުމުގެ މަސައްކަތްތަކާއި، މުޖުތަމަޢުގެ ތަރައްޤީއަށް އެހީތެރިވުމަށް އަމާޒުކޮށްގެން އެކި ބާވަތުގެ ޕްރޮގްރާމްތައް މިކްލަބުން ރާވައި ހިންގައެވެ.