ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިން ކުއާޓަރގެ ޖާގައެއް ޔަގީން ކުރީ ގްރޫޕް ބީގެ 3 ވަނަ ހޯދައިގެންނެވެ.
މިއީ އޭޝިއާ ލެވަލްގެ މުބާރާތެއްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ދިވެހި ބީޗް ވޮލީ ޓީމެވެ.
އޭޝިއަން ޔޫތު ގޭމްސްގެ ބީޗްވޮލީ ގްރޫޕް ބީގައި ދީމާ އާއި އަޒްކާ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ދިވެހި ޓީމުން 7 ޕޮއިންޓް ހޯދި އިރު ގްރޫޕްގެ 4 ވަނައަށް ދިޔަ މޮންގޯލިއާ އާއި 5 ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ މިދެޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
މިގޮތުން މިރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނާގައި އޮތް ތައިލޭންޑް ކައިރީގައިވެސް ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއްދައްކާ ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. މިމެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7 - 21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11 - 21 އިންނެވެ.
ގްރޫޕް ބީގައި ދެން ހިމެނެނީ އެއްވަނަ ހޯދި ތައިލެންޑްގެ އިތުރުން ދެވަނަ ހޯދި އިންޑޮނޭޝިއާ އާއި ކުޅުނު ހުރިހާ މެޗަކުން ބަލިވި ބަޙްރެއިން ޓީމެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓަރ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.