ޚަބަރު

ރައީސް ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު: ޤައުމުގެ ކުރިއެރުމަށް އުފާވެރި ޚަބަރުތަކެއް ދެއްވި


  • ވަޑައިގެންނެވި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނެގޮތް ހިއްސާކުރެއްވި

  • އިޖްތިމާއީ އަދި ތަރައްޤީއާ ގުޅުންހުރި މުހިއްމު ނިންމެވުންތަކެއް އިއުލާންކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ޚާއްސަ އިސްކަމެއް ދެއްވި އެއްކަމަކީ ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުތަކެވެ. ވެރިކަމަށް އަހަރެއްވީއިރު އެމަނިކުފާނު ވަނީ ގިނަ ރަށްރަށަށް ވަޑައިގަންނަވައި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި މަދު ކައުންސިލެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލާ އެމަނިކުފާނު ބައްދަލުކުރައްވައި ރަށްރަށް ދަތިވެފައިހުރި ކަންކަން ވަނީ އޮޅުން ފިލުއްވާފައެވެ.

އައު އަަހަރު ފެށި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނު މިވަނީ ރާއްޖޭގެ 3 އަތޮޅަކުން 10 ރަށަކަށް ވަޑައިގަންވައި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ހުވަދުއަތޮޅުން ވަޑައިގެންވި ރަށްރަށުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހަފްތާގެ ތެރޭގައި ހުވަދު އަތޮޅު އުތުރުބުރީ އާއި އެއަތޮޅު ދެކުނު ބުރީގެ 9 ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އެނުވަރަށަށް އެމަނިކުފާނު ވެވަޑައިގެނެވި ވުއުދުތައް ފެއްދެވުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލް އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ބަނދަރާއި ބިންހިއްކުމާއި، ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ރަށްރަށަށް ކޮންމެހެން މިވަގުތަށް ބޭނުންވެފައިވާ ޚިދުމަތްތައް ފެށުމަށް ކުރިއަށްގެންދާނެ މަޝްރޫޢުތައް ވަނީ ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ވަޢުދުވި ގޮތަށް ހުރިހާ މަޝްރޫއެއްވެސް ނިންމަވާނެކަމަށެވެ. އެގޮތުން މިފެށުނު 2025 ވަނަ އަހަރާއި 2026 އަދި 2027 ވަނައަހަރުގެ ބައެއްވެސް ހިމެނޭހެން މި 3 އަހަރު ވެގެންދާނީ ކެމްޕެއިންތެރޭގައި ރަށްރަށަށް ވީވައުދުތައް ފުއްދާތަން ރައްޔިތުންނަށް ފެނިގެންދާނެ އަހަރުތަކަކަށް ކަމަށެވެ.


ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އެރަށްރަށުގެ ކުރިއެރުމަށް ކުރަންހުރި ކަންކަން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަައިގެން ކުރުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅުގެ އިތުރުން މުޅި ޤައުމުގެ ލާބައާ މަންފާއަށް ކުރައްވާނެ އަދި ކުރައްވަން ނިންމަވާފައިވާ މުހިއްމު ކަންތައްތަކެއްވެސް ޙިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި މުހިއްމު ބައެއް ކަންކަން

  • ދިވެހި ކުންފުނިތަކަށް ދޭންޖެހޭ އިތުރު 500 މިލިޔަން ރުފިޔާ އަންނަ ހަފްތާގައި ދޫކުރާނެކަން ހާމަކުރެއްވި
  • މަޖިލިސް ހުޅުވުމާއެކު އތމ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް އިސްލާޙުތައް ހުށަހަޅާނެކަން ހާމަކުރެއްވި
  • މެމްބަރުންގެ އަދަދު މަދުނުކޮށް، ކައުންސިލްތަކުގެ ޚަރަދުކުޑަކުރެވޭނެ ގޮތްތަކެއް ރައީސް ހުށަހެޅުއްވި
  • މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމެވިކަން އިއުލާންކުރެއްވި
  • ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތި ދުވަސްތަކެއްކަން ހާމަކުރެއްވި
  • ރޯދައިގެ ކުރިން ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓްތައް ހަވާލުކުރާނެކަން ހާމަކުރެއްވި

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދަތިކުރަން އެއްވެސް ނިންމުމެއް ނިންމަވާފައިވާ ނުވާނޭކަމަށާއި، ކޮންމެ ނިންމެވުމެއްވެސް ނިންމަވާފައިވާނީ ރައްޔިތުންނާއި ޤައުމުގެ މުސްތަޤްބަލަށްޓަކައިކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ހަރުލާފައިވާ ރައްޔިތުންގެ ދުޅަހެޔޮކަމަށް ނުރައްކާ އޮތް ވަބާތަކާއި އާދަތަކުން ޤައުމު ސަލާމަތްކުރަން ފެށި މަސައްކަތަކީ މުހިއްމު ކަމެއްކަމަށާއި، ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާކަމަށެވެ.

"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން ގޯސްކަމެއް ފެނުމުން އެކަމަކަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންވީ. ޒަމާންތަކެއް ވަންދެން ވަކިކަމެއް ގޯސްކޮށް ހިނގުމަކީ ދެންހަމަ އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭނެކަމެއް ނޫންކަން އެބަޖެހޭ އަޅުގަނޑުމެންގެ ހިތުގައި ކަނޑައަޅާ ޢަމަލުން ދައްކަން. ސަރުކާރު މިއޮތީ އެގޮތުގައި، އެހެންވީމަ ވަރަށް އުނދަގޫ ބައެއް ނިންމުންތައް މިވިސްނުމުގައި ކުރިއަށް އޮތް މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެންގެ ޖީލުތައް ސަލާމަތްކޮށްދީ ވަށާޖެހޭ ތަރައްޤީ، ޙަގީގީ މާނައިގައި ތަރައްޤީ ވެފައިވާ ދިވެހިރާއްޖެއަކަށް ހަދައިދިނުމަށް ނިންމުންތަކެއް ނިންމަމުން މިދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރައްޤީގެ ނަފާ ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން އޮވެގެންކަމަށާއި، އެހެންކަމުން ޤައުމުގައި ހަމަޖެހުން ނަގާލުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ގއ. މާމެންދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޙަގީގީ މާނައިގައި ތަރައްޤީ ގެނައުމަށްޓަކައި ޤައުމުގެ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށާއި އެފަދަ ކަމެއް ކުރާނަމަ ޤައުމީ ވިސްނުމެއްގައި އެކަމެއް ހުއްޓުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހުވަދޫ ދަތުރުފުޅުގައި އެމަނިކުފާނުގެ ހިތްތިރިކަމާއި ހުރިހާ އުމުރުފުރާއެއްގެ ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ދެއްވާ އަހަންމިޔަތުކަންވެސް ފެނިގެންދިޔައެވެ. އެގޮތުން އެކި އިސް ރަށްވެރިންގެ ވާހަކަފުޅުތައް އަޑު އެއްސެވުމާއި، ސްކޫލްދަރިވަރުންގެ ހުރި ކަންބޮޑުވުންތަކުގެ އިތުރުން ތުއްތު ކުދިންނާއެކުވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައި ބައެއް ކުދިން އެންމެ ބޭނުންވެގެން އެދުނު ކަންކަންވެސް ފުރިހަމަކޮށްދޭން މަސައްކަތްކުރެއްވިއެވެ.

އެގޮތުން ބައްޕަމަތިން ހަނދާންވާކަމަށް ތުއްތުކުއްޖަކު އެދުނު އެދުމަކަށް އެކުއްޖާގެ ބައްޕައާ ބައްދަލުކުރުމުގެ ފުރުޞަތު މިދަތުރުފުޅުތެރެއިން ހަމަޖައްސަވައި ދެއްވިއެވެ.