ޚަބަރު

ލޮސް އެންޖެލީސްގެ 10,000އަށްވުރެ ގިނަ ގެދޮރު އަނދައި އަޅިއަށް


އެމެރިކާގެ ލޮސް އެންޖެލީސްގެ އިރާއި ހުޅަނގުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތަކާ އެކު 10,000އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް އަނދައި އަޅިއަށް ވެއްޖެއެވެ. އެ ދެ ސަަރަޙައްދުގައި ނުރައްކާތެރި އަލިފާންގަނޑުތަކެއް ރޯވެފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އަލިފާންގަނޑުތައް ނިއްވައިލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް، އެ ސަރަޙައްދުގައި ވައި މަޑުވާން ފެށުމާ ގުޅިގެން އެ މަސައްކަތަށް ފަސޭހަވެގެންދާނެ ކަމަށް، ކަމާ ގުޅޭ މާހިރުން ބުންޏެވެ.

ލޮސް އެންޖެލީސަކީ ކެލިފޯނިޔާ ސްޓޭޓްގެ އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުގެ ހުޅަނގުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުން ދަނީ ޕެލިސޭޑްސް ސަރަޙައްދުގައެވެ. އެ އަލިފާންގަނޑު ވަނީ ސެންޓެ މޮނިކާއާއި މެލިބޫއާ ދެމެދުގައިވާ ސަރަޙައްދުތަކަށް ފެތުރިފައެވެ. އިރުމަތީގައި އަލިފާންގަނޑު ކޮންޓުރޯލު ނުވެ ފެތުރެމުން ދަނީ ޕެސެޑީނާގެ އީޓަން ސަރަޙައްދުގައެވެ. ލޮސް އެންޖެލީސަކީ ގިނަ އަދަދެއްގެ މަހުޖަނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަރިން ދިރިއުޅޭ ސަރަޙައްދެކެވެ.

މިއީ ލޮސް އެންޖެލީސްގެ ތާރީޚުގައި ވެސް އެ ރަށުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އަލިފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 10އަށް އުފުލިފައިވާ ކަމުގައި އެ ރަށުގެ މެޑިކަލް އެގްޒޭމިނަރގެ އޮފީހުން ހާމަކުރިއެވެ. މި އަދަދު އުފުލޭނެ ކަމަށް ބެލެވޭ ކަމުގައި ލޮސް އެންޖެލީސްގެ ފުލުހުންގެ ވެރިޔާ ރޮބަރޓް ލޫނާ ވިދާޅުވިއެވެ. އަދި، 34,000 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ރޯވެފައިވާއިރު، އެ ސަރަޙައްދުގައި ހުރި ހުރިހާ އިމާރާތެއް ވަނީ އަނދައި އަޅިއަށްވެފައެވެ.

"ފެންނަމުންދާ މަންޒަރުތަކުން ހީވަނީ މި ތަނަށް ނިއުކްލިޔަރ ބޮމެއް އަޅާފައިވާހެން. އެއްވެސް އުފާވެރި ޚަބަރެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް، އަދި އުފުލެމުންދާ ނަންބަރުތަކާ މެދު ވިސްނޭކަށް ނެތް،" ލޫނާ ވިދާޅުވިއެވެ. އީޓަންގެ އޮފިޝަލުން ބުނީ، އެ ސަރަޙައްދުން 5,000އެއްހާ އިމާރާތް އަނދައި އަޅިއަށްވެފައިވާ ކަމުގައެވެ. އަދި، ޕެސެޑީނާގެ އިދާރާތަކުން ވެސް ބުނީ އެ ސަރަޙައްދުގައި 5,300އަށްވުރެ ގިނަ ގެދޮރާއި އެހެން އިމާރާތްތައް އަނދައި، އަޅިއަށްވެ، ބިމާ ހަމަވެފައިވާ ކަމުގައެވެ.

މި އަލިފާނާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ އަގު 135 ބިލިޔަނާއި 150 ބިލިޔަން އެމެރިކާ ޑޮލަރަށް އުފުލިގެންދާނެ ކަމުގައި އެކިޔުވެދަރ ކިޔާ ކުންފުންޏަކުން އަންދާޒާ ކުރިއެވެ. "ލޮސް އެންޖެލީސް އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމާ ގުޅޭ މަޝްވަރާތައް އަޅުގަނޑުމެން މިހާރު ވެސް ފަށައިފިން،" އެ ރަށުގެ މޭޔަރު ކަރެން ބޭސް ވިދާޅުވިއެވެ. އޭނާއަކީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި އެ މަޤާމަށް އިންތިޚާބުވެފައިވާ ބޭފުޅެކެވެ.

އަދި، އަލިފާންގަނޑުތައް ކޮންޓުރޯލު ކުރުމުގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނެތުމާއި، މި ހާދިސާގައި އެތަކެއް ހާސް ބަޔެއްގެ ގެދޮރާއި މުދާ އަނދައިދިޔުމާ ގުޅިގެން އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ބޭސަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކޮށްފައެވެ. އޭނާއަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިމެނި ވަޑައިގަންނަވައެވެ.

އަލިފާންގަނޑުތައް ކޮންޓުރޯލު ނުކުރެވި އަނދަމުން ދިޔުމާ ގުޅިގެން ރައީސް ޖޯ ބައިޑަން ވަނީ އެ ސަރަޙައްދަށް ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި، ލޮސް އެންޖެލީސްގައި އަލިފާނާ ގުޅިގެން އުފެދިފައިވާ ނުރައްކާތެރި ތަކެތި ނަގައި ސާފު ކުރުމަށް ހިނގާ ޚަރަދު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަަދި، އަލިފާނާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ މީހުންނަށް ހިނގާ ޚަރަދުތައް ވެސް ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގައި ވިދާޅުވެފައެވެ.

"އަލިފާންގަނޑުތައް ކޮންޓުރޯލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިނގާ އެއްވެސް ޚަރަދަކާ މެދު ނުވިސްނައި، އެ ކަން ކާމިިޔާބު ކުރުމަށް [ލޮސް އެންޖެލީސްގެ] ގަވަރުނަރާއި އިސްވެރިންނަށް އަޅުގަނޑު އިރުޝާދު ދިނިން،" ބައިޑަން ވިދާޅުވިއެވެ.

ލޮސް އެންޖެލީސްގެ ފަސް ސަރަޙައްދެއްގައި ބިޔަ އަލިފާންގަނޑުތައް ފެތުރެމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ރަށުގެ މަލަމަތިން ފެންނަމުން ދަނީ ބިރުވެރި، އަދި ނާމާން މަންޒަރުތަކެކެވެ. އޭގެ ތެރެެއިން އެއް އަލިފާންގަނޑު ހަލުވިކަމާ އެކު ފެތުރެމުން ދަނީ ކެލެބާސަސް ސަރަޙައްދުގައެވެ. އެއީ، އެމެރިކާގެ އެންމެ ބޮޑެތި މަހުޖަނުންގެ ގެދޮރު ހުންނަ ސަރަޙައްދެވެ. އަދި، މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ މަޝްހޫރު ތަރިންގެ ގެދޮރު ހުރި ސަރަޙައްދެވެ.

އަލިފާންގަނޑުތައް ކޮންޓުރޯލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވެފައި ނުވާތީ، އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތައް ހުސްކޮށް، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އެ ރަށުގެ އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ލޮސް އެންޖެލީސަކީ 9.6 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެ ރަށުގައި އަލިފާންގަނޑުތައް ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ.