ސައުދި އަރަބިޔާގެ ޕްރޯ ލީގުގައި އިއްޔެ އަލް އުހްދޫދު އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފި އެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު އަލް ނަސްރަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ލިބިފަ އެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 13 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް ހިލާލަށް 13 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި އަލް އުހުދޫދުގެ ސެވިއާ ގޮޑްވިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 13 މިނިޓު ފަހުން އަލް ނަސްރުގެ ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މިއީ 2025 ވަނަ އަހަރު ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑެވެ. އަދި މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.
އަލް ނަސްރު އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސަޑިއޯ މާނޭ އެވެ.