ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަދި މިމަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓު ޙައްގުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލައްވާނެކަމަށް ވިދާޅުވާ، ވިދާޅުވުން އެމަނިކުފާނުވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މި 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ތެރެއިން މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯއްޗާއި އަދި އޭސީސީގެ ތަޙުގީގަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ގޯއްޗާއި ފްލެޓު ފިޔަވާ އެހެން ހުރިހާ ފަރާތްތަކަށްވެސް އެމީހަކަށް ފްލެޓާއި ގޯތި ލިބުނު ތަނަކުން ގޯއްޗާއި ފްލެޓު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަލަށް އަޅުގަނޑު ގެނައި ބަދަލުގެތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިވަނީ މިނިސްޓަރ މުއްޠަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ މުހިންމު ހުރިހާ މަޝްރޫޢެއް މިމަހުގެ ތެރޭގައި ޢިއުލާންކުރައްވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި ހައުސިންގ މަޝްރޫޢުތައް ބޮޑަށް ބައްޓަންކުރައްވާނީ ސަރަޙައްދީ އުސޫލުންކަމަށާއި އޭގެ ސަބަބުން އުތުރުގެ ހުރިހާ ހައުސިންގ މަޝްރޫޢެއް އެއް ކޮންޓްރަކްޓަރެއް މެދުވެރިކޮށް ކުރުމުން ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަދި ޑައިރެކްޓް ކޮންޓްރެކްޓް އުސޫލުންވެސް މިމަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުންވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. އަދި އަމިއްލައަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށްޓަކައި 1 ބިލިއަން ރުފިޔާގެ ލޯން ސްކީމްތަކެއްވެސްވަނީ ތަޢާރަފްކުރައްވާފައެވެ.