ޚަބަރު

އިމިގްރޭޝަން ވޮޗަށް ހުށަހެޅި 1000 އަށްވުރެއް ގިނަ ޝަކުވާ ބަލައިފި، ގިނައީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ


  • "އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހު

  • ޑިސެމްބަރު މަހުގެ ނިޔަލަށް 1061 މައްސަލަ

  • ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ފެށި

އިމިގްރޭޝަން ވޮޗަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލާފައިވާނޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕޯޓަލް އިފްތިތާހްކުރި ދުވަހުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 1061 މައްސަލަ ބަލާފައިވާކަމަށެވެ.

މީގެތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތައްކަމަށާއި މިފަދަ 239 މައްސަލަ ހުށައަޅާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި ވޯކް ވިސާއާ ގުޅޭ 239 މައްސަލައަކާއި ހަށިވިއްކުމުގެ 65 މައްސަލައަކާއި ވަޒީފާއަށް ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލައަކާއި އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލައަކާއި ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލައެއްގެ އިތުރުން އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ހުށައެޅުނުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަދި އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައިގެ އިތުރުން ހިއުމަން ޓްރެފިކިންގެ 7 މައްސަލައާއި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ 7 މައްސަލަ ލިބިފައިވާކަން އިމިގްރޭޝަނުގެ ތަފާސްހިސާބިތަކުން ދައްކައެވެ.

"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.

ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެއެވެ.

އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ފެއްޓެވި ޚާއްސަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި އިމިގްރޭޝަނުން ވިދާޅުވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.