އިންޑޮނޭޝިޔާގައި އަގުހެޔޮ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫޢުއެއްގެ ދަށުން އެއް މިލިޔަން ގެދޮރު އިމާރާތް ކުރުމަށް އެ ޤަައުމުން ޤަޠަރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަތްފޯރާ ފަށުގެ އަގުތަކެއްގެ ގެދޮރު ބިނާ ކުރުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑޮނޭޝިޔާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޕްރަބޮވޯ ސުބިއަންތޯގެ ޚާއްޞަ ސިޔާސަތެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. އަހަރެއްގެ މައްޗަށް މި ފަދަ ތިން މިލިޔަން ގެދޮރު އެޅުމަށް ބޭނުންވާ ކަމަށް ރިޔާސީ ކެންޕެއިނުގައި ރައީސް ސުބިއަންތޯ ވަނީ ވިދާޅުވެފައެވެ.
މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އިންޑޮނޭޝިޔާގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު މަރުއަރާރު ސަރައިތާއި ޤަޠަރުގެ ޤިލާ އިންޓަނޭޝަނަލް ގުރޫޕުގެ ޗެއާމަން ޝައިޚް އަބްދުލްޢަޒީޒް ބިން އަބްދުއްރަޙްމާން އައްޘާނީއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަރުއަރާރު ވިދާޅުވީ ސިޓީތަކުގައި ދިިރިއުޅޭ ޢާންމުންގެ ތެރެއިން ދަށް އަދި މެދުފަންތީގެ މީހުންނަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އެއް މިލިޔަން ގެދޮރު ބިނާ ކުރަނީ އެ ފަދަ މީހުންނަށް އަމާޒު ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ބިން ދެނީ އިންޑޮނޭޝިޔާގެ ސަރުކާރުންނެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ-ފައިނޭންސް އުޞޫލުގެ ދަށުންނެވެ.