ޚަބަރު

ޕީއެސްއެމް ޢީދު އުފާ 1437 މިއަހަރު ލ.ފޮނަދޫގައި ފާހަގަކުރަނީ


މިއަހަރުގެ އަޟްހާ އީދުގައި، ޕީއެސްއެމް ޢީދު އުފާ 1437 މިއަހަރު ފާހަގަކުރާ ރަށެއްގެ ގޮތުގައި ލ.ފޮނަދޫ ހަމަޖައްސައިފިއެވެ.

ފޮނަދޫގައި މިފަހަރު އަޟްހާ އީދު ޕީއެސްއެމުން ފާހަގަކުރުމަށް ނިންމާފައިވަނީ، މިކަމަށް ކުރިމަތިލި 5 ރަށުގެ ތެރެއިން އެންމެ މަތިން އެރަށަށް މާކްސް ލިބުމުންނެވެ. 

ދައުލަތުގެ މީޑިއާއިން ރައްޔިތުންނާ ވީހާވެސް ގާތުން ކަންތައްތައްކޮށް، އިޖްތިމާއީ އަދި ސަގާފީ ރޫހު ދިރުވާ އާލާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ވޭތުވެދިޔަ 4 އަހަރުން ފެށިގެން ބާއްވަމުން އަންނަ އީދު އުފާ ހަރަކާތްތަކެވެ. 1437 ވަނަ އަހަރު ޕީއެސްއެމްއިން އީދު ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގައި ފަސް ރަށަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. މިއަހަރު ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ލ ފޮނަދޫގެ އިތުރުން ގއ ގެނަމަފުށި ކ ހިންމަފުށި ބ ތުޅާދޫ ޅ ނައިފަރުންނެވެ. 

މި ފަސް ރަށުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު މިއަހަރު އީދު އުފާގެ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވަނީ ހައްދުންމަތީ ފޮނަދޫގައެވެ. ޕީއެސްއެމް އީދު އުފާ 1437 އެވޯޑްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެވޯޑްކުރިކަމުގެ ފިލާ ފޮނަދޫ ކައުންސިލާ ހަވާލުކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ޚަލީލާއި ޗެއަރމަން އިބްރާހިމް އުމަރު މަނިކެވެ. އަދި މި ފިލާއާއި ހަވާލުވެލެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲއާއި ފޮނަދޫ ކައުންސިލްގެ ރައިސް އަޙްމަދު ރިޔާޒްއެވެ.

ޕީއެސްއެމް ޢީދު އުފާ 1437 އެވޯޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މިޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބުދުއްލަތީފް ވިދާޅުވީ ޕީއެސްއެމްއިން މިފަދަ ހަރަކާތްތައް ކުރިޔަަށްގެންދަނީ ސަގާފީ އަދި އިޖްތިމާއީ ކަންތައްތައް ދިރުވާ އާލާކުރުމުގެ މަޤްސަދުގައިކަމަށެވެ. އިކްރާމް ވިދާޅުވީ މި އެވޯޑްހަވާލުކުރުމަށްފަހު ފޮނަދޫގެ ތައްޔާރީތަކާ ބެހޭ ބޮޑު ކަވަރޭޖެއް ޕީއެސްއެމުން ކުރިޔަށްގެންދާނެކަމަށެވެ. މީގެ އިތުރުން އަޟްހާ އީދެކޭ އެއްފަދައިން ފިތުރު އީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތްތައްކެއް ކުރައްވަމުންގެންދަވާކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމް އީދު އުފާ 1437 ގެ އެވޯޑާހަވާލުވުމަށްފަހު ވަހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފޮނަދޫއަކީ ރައްޖޭގެ އެހެންރަށްތަކާ އަޅާބަލާއިރު ކުށްމަދު އަމާން ރަށެއްކަމަށާއި، މިފަހަރު ޕީއެސްއެމްއާއި ގުޅިވަޑައިގެން ބާއްވާ އީދު ފުރިހަމަ ޢީދަކަށް ހައްދަވައިދެއްވާނެކަމަށެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ޕީއެސްއެމް އީދު އުފާ 1437 ފާހަގަކުރާނީ ހަމައެކަނި ފޮނަދޫ ރައްޔިިތުން އެކަނި ނޫންކަމަށާއި، މިކަމުގައި ހުރިހާ މުއައްސަަސާތަކުގެ އިިތުރުން މުޅި ލ. އަތޮޅުގެ ބައިވެރިވުންވެސް ހިމެނިގެންދާނެކަމަށެވެ.