ރާއްޖޭގެ އެތުލީޓުން ޗައިނާގެ ޝިއަމެންއަށް ފޮނުވައިގެން ކުޅިވަރު ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިކުރުމަށާއި، ޝިއަމެންގެ އެތުލީޓުން ރާއްޖެ ގެނެސްގެން ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޚާއްސަ ދައުވަތަކަށް "ސީ އެންޑް ޑީ ޝިއަމެން މެރަތަން 2025" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މީޑިއާއެއް ކަމަށްވާ ޒިންހުއާ ގްލޯބަލް ސާވިސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ފޫޖިއާން ޕްރޮވިންސްގެ އައްސޭރިފަށުގައި އޮންނަ ސިޓީއެއް ކަމަށްވާ ޝިއަމެންއަކީ ކުޅިވަރުގައި ވަރަށް ކުރިއަރާފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދެ ގައުމުން ގުޅިގެން އެކްސްޗޭންޖް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޝިއަމެން އަކީ ޓެކްނޮލޮޖީ އާއި ކުޅިވަރުގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ތަނެއް ކަމަށާއި، އެހެންކަމުން ރާއްޖެއަށް ކުޅިވަރު ކުރިއެރުވުމުގައި ޝިއަމެންގެ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، އެތުލީޓް އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކޮންމެ ހަފްތާއަކު ޝިއަމެން އިން ރާއްޖެއަށް ސީދާ ދަތުރުކުރާ ދެ ފްލައިޓް އޮންނަ ކަމަށާއި، މިއީ ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އޮތް ފުރުސަތެއް ކަމަށެވެ.
ޗައިނާގެ ޝިއަމެން އާއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގައި ވަޒީރު ވަނީ މިދިޔަ އާދިއްތަ ދުވަހު ޝިއަމެން މެރަތަންގައި 5 ކިލޯ މީޓަރުގެ ދުވުން ފުރިހަމަ ކުރައްވާފައެވެ.
މިއީ އެކި ގައުމުތަކުގެ ބޭފުޅުންނަށް ދައުވަތުދީގެން މި މަހުގެ 1 އިން 7 އަށް ކުރިއަށް ގެންދިޔަ މެރަތަންއެކެވެ. މި މެރަތަން ފެށުމުގެ ގޮތުން ބޭއްވި ގަންފަޔަރ ސެރަމަނީގައިވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ޗައިނީސް އެތުލެޓިކްސް އެސޯސިއޭޝަނާއި، ވޯލްޑް އެތުލެޓިކްސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މެރަތަންއެކެވެ. މި މެރަތަންގައި 42 ގައުމަކުން ޖުމްލަ 35،000 މީހުން ބައިވެރިވެފައިވެއެވެ.
ވަޒީރު ރާފިޢުއަށް މި މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ލާމު އަތޮޅުގައި ކުރިއަށް ގެންދިޔަ ޝިއަމެން ލާމު މެރަތަންގެ ތެރެއިންނެވެ.