ދީން

ޖަމާޢަތްތެރިން ތަމްރީންކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް


ދިވެހިރާއްޖޭގައި ކުދި މުޖުތަމަޢުތަކެއްގެ ގޮތުގައި އެތައް ރަށެއްގައި މީހުން ދިރިއުޅެމުން އަންނައިރު ޢާންމު ގޮތެއްގައި އެރަށެއްގައި މަރުވާ މީހުން ވަޅުލަނީ އެރަށެއްގައެވެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް އެރަށެއްގައި މަރުވާ ފިރިހެނުން ހިނެވުމާއި ކަފުންކުރުމުގެ ކަންކަން ކުރާނެ ފިރިހެން ޖަމާޢަތްތެރިން ބައިތިއްވަންޖެހެއެވެ. އަދި މަރުވާ އަންހެނުން ހިނަވައި ކަފުން ކުރާނެ އަންހެން ޖަމާޢަތްތެރިން ތިބެންޖެހެއެވެ. މާލެއާއި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގެވި ޖަމާޢަތްތެރިކަމުގެ އެކި ސަރަޙައްދުތަކުގެ އަންހެނުންނާއި ފިރިހެނުންނަށް ތަމްރީންދެއްވަމުން ގެންދަވައެވެ.

ރާއްޖޭގައި ޤަވާޢިދުތައް ހަމަޖެހިފައިވާ ގޮތުން ގޮތުން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައް، މާލެއާއި ރާއްޖެތެރޭގެ މީހުންއުޅޭރަށްރަށުގައި ކުރަންވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރައްވާ، ޖަމާޢަތްތެރިކަމުގެ ސަނަދުލިބިފައިވާ މީހުންނެވެ. އެ ސަނަދު ނެތް މީހަކު ރާއްޖޭގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

ޕީއެސްއެމް ނިވްސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ކީރިތި ޤުރުއާނާބޭހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ޖަމާޢަތްތެރިން ތަމްރީންކުރެއްވުމަށް މާލެއާއި ރާއްޖެތެރޭގައި ގެންދަވަނީ ޕްރޮގްރާމްތައް ހިންގަވަމުންކަމަށެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ޖަމާޢަތްތެރިއަކު ނެތްނަމަ، އެރަށަކަށް އިސްކަން ދެއްވައިގެން، އެރަށަކުން މީހުން މާލެ ނުވަތަ އެންމެ ކައިރީގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުންނަ ރަށަކަށް ގެންނަވައި ތަމްރީނުކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާތަނަށް މި ފަހުގެ ތާރީޚަށް ބަލާއިރުވެސް ފަސްދޮޅަސް ފަސް ޖަމާޢަތްތެރިއަކު ތަމްރީނުކުރައްވާފައިވާ ކަމަށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޖަމާޢަތްތެރިންގެ ގޮތުގައި މަސައްކަތްކުރައްވަނީ އެކަމަށް ޚާއްޞަ ތަމްރީންދެވިފައިވާ ޖަމާޢަތްތެރިންނެވެ. އަދި އެމީހުންނަށް ކަނޑައެޅިފައިވާ އުޞޫލަކުން ސަރުކާރުން އުޖޫރަދެއްވަމުން ގެންދަވައެވެ.

ފަހަކަށް އައިސް މި ގޮތަށް ކަންކަން ކުރަމުން ގެންދިޔަނަމަވެސް، އަހަރުތަކެއް ކުރިން ޖަމާޢަތްތެރިންގެ ޚާއްޞަ ބަޔަކު ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ބައިތިއްބާފައެއް ނުތިބެއެވެ. މިކަން ކުރުން އޮތީ އެރަށެއްގެ ކަތީބުން މުދިމުން، ފަނޑިޔާރުން ފަދަ ބޭބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވެފައެވެ. އަދި އެކަން ކުރައްވަމުން ގެންދަވާފައިވަނީ އެކަމަށް ޚާއްޞަ ވަކި އުޖޫރައެއް ލިބުމެއް ނެތި ޖަމާޢަތުގެ ޚިދުމަތެއްގެ ގޮތުގައެވެ. އަދި މީހުން ވަޅުލަން ވަޅުކޮނުމާއި ވަޅުލުން ފަދަ ކަންކަމަކީވެސް ޖަމާޢަތުގެ ޚިދުމަތުގެ ގޮތުގައި މީހުން ހިލޭބަހަށް، ސަވާބާއި ދަރުމައަށް އެދި ކުރަމުން އަންނަ ކަންކަމެވެ. އަދި މިކަންކަން ކުރާ މީހުންނަކީ މުޖުތަމަޢުގައި ޤަދަރާއި އިޙްތިރާމް ލިބިގެންވާ ބައެއްވެސްމެއެވެ.