ޚަބަރު

ގުލާގެ ލަނޑުތަކާއެކު ރެއާލް ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް


ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގައި ރޭ ހަތަރުވަނަ ޑިވިޝަނުގެ ޑިޕޯޓިވޯ މިނޭރާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޑާ ގުލާ ޖެހި ދެ ލަނޑާއެކު 5-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

މިނޭރާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑް އިން ފަށާފައިވަނީ ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ނުހިމަނަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ކާލޯ އެންޗެލޮއްޓީ ވަނީ އެމްބާޕޭ ކުޅެން އަރުވާފަ އެވެ. ބެލިންހަމް ވަނީ ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ރެއާލް މެޑްރިޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ފެޑެރިކޯ ވަލްވާޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 13 ވަނަ މިނިޓުގައި އެޑުއާޑޯ ކަމަވިންގާ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައިވަނިކޮށް އޭގެ 15 މިނިޓު ފަހުން ޒުވާން ކުޅުންތެރިޔާ އާޑާ ގުލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި, މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލޫކާ މޮޑްރިޗް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އާޑާ ގުލާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މިއީ މި ސީޒަނުގައި ކޮޕަ ޑެލް ރޭގައި ރެއާލް މެޑްރިޑް އިން ކުޅުނު ފުރަތަމަ މެޗެވެ. 20 ފަހަރު މަތިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް އިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 16 އިން އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ.