ތަޢުލީމު

ޖަޕާނަށް ދާ ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި


ޖަޕާނުގެ ސަކުރާ ސައިންސް ޕްލޭން ފޯރ ހައި ސްކޫލް ސްޓޫޑެންޓްސް ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 6 ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މި ބައްދަލުވުމަގައި، ދަރިވަރުންނާ މުޚާތަބު ކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ، ޢާއިޝަތު ޝިހާމް ވިދާޅުވީ، މިއީ ޖަޕާނުގެ މި ޕްރޮގްރާމްގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަދަ ދަތުރުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފަރާތުން ފެންނަ ޕާރފޯމެންސަށް އަބަދުވެސް ތައުރީފު ލިބޭ ކަމަށާއި، މި ދަތުރުގައި ބައިވެރިވާ ދަރިވަރުންވެސް ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާއަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، ސައިންސްގެ ކަންކަން ހަރުދަނާ ކުރެއްވުމަށް މިހާރު ވަރަށް އިސްކަމެއް ދެއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ފާއިތުވި ދެ އަހަރު ސައިންސް ފެއަރ ބޭއްވި، ފެއަރގެ ތެރެއިން ވަރަށް ތަފާތު އިނޮވޭޝަންތައް ފެނިގެންދިޔަކަން ފާހަގަ ކުރެއްވިއެވެ.

ޖުލައި ތިނަކުން ނުވަޔަކަށް ޖަޕާނަށް ކުރާ މި ދަތުރުގައި ބައިވެރިވަނީ، ސީއެޗްއެސްއީގެ ދެ ދަރިވަރުންނާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކާއި، އައްޑޫ ހައިސްކޫލްގެ ދަރިވަރަކާއި، އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރެކެވެ. މިއި ޖަޕާނުގެ ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ކަލްޗަރ، ސްޕޯޓްސް ސައިންސް އެންޑް ޓެކްނޮލޮޖީން އިންތިޒާމްކުރާ ޕްރޮގްރާމެކެވެ.