ޚަބަރު

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލަން އެޗްޓީއެސުން ގޮވައިލައިފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ފަހު ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ޤައުމުގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ބުނެފިއެވެ. އެޗްޓީއެސުން ސޫރިޔާގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލާފައި ވަނީ، ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރުގެ ވައްޓައިލުމަށް ފަހުއެވެ.

އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ، އޭނާގެ ޢާއިލާއާ އެކު، ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.

އެޗްޓީއެސުން ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީ ބުނީ، 2011ން ފެށިގެން ސޫރިޔާގައި ހިނގަމުން ދިޔަ އަހުލީ ހަނގުރާމައަށް ފަހު ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ، އަދި ގޮންޖެހުމަކީ އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކަމުގައެވެ. އޭނާ މިހެން ބުނެފައި ވަނީ ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީއާ ބައްދަލު ކުރުމަށް ފަހު ވާހަކަ ދައްކަމުންނެވެ.

"ވީ އެންމެ އަވަހަކަށް ޤައުމު އާރާސްތުކޮށް ސޫރިޔާގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދީ، ޚިދުމަތްތައް ފޯރުކޮށްދީ، އަދި އެހެން ޤައުމުތަކާ އެކު ގުޅުންތައް ޤާއިމު ކުރަން އޮތް އެންމެ ބޮޑު ހުރަހަކީ [އެމެރިކާގެ ދަތިކުރުމުގެ] ފިޔަވަޅުތައް. އެ ފިޔަވަޅުތައް އުވައިލަން ތަކުރާރުކޮށް ވޮޝިންގޓަނަށް ގޮވައިލަން، އެއީ ކުރިން [އަސަދުގެ ސަރުކާރާ ދެކޮޅަށް] އަޅާފައިވާ ފިޔަވަޅުތަކެއް ކަމުގައިވީ ނަމަވެސް މިހާރު އެއީ ސޫރިޔާގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެއް،" އޭނާ ބުންޏެވެ.

ނަމަވެސް، އެމެރިކާއިން އަދި އޮތީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލާ ގޮތަކަށް ނޫނެވެ. ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، ސޫރިޔާގެ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތައިލަން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، ދަތި ކުރުމުގެ ފިޔަވަޅުތައް ބާޠިލު ކުރުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ.

އަސަދުގެ ސަރުކާރު ވައްޓައިލި ފަހުން އެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެޗްޓީއެސްގެ އިސްވެރިންނާ ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުންތަކުގައި ވެސް އެޗްޓީއެސުން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލަން ގޮވައިލާފައެވެ. ނަމަވެސް، އެޗްޓީއެސަކީ އެމެރިކާއިން ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ގުރޫޕެކެވެ. އެޗްޓީއެސް އުފެދިގެން އައީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާގެ ތެރެއިންނެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ޝަޔިބާނީ ބުނީ، ޤަޠަރަކީ ސޫރިޔާގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކުރިއަށް ދުވަސްތަކުގައި ފެނިގެންދާނެ ކަމުގައެވެ. 2011ވަނަ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާ އެކު ޤަޠަރުން ވަނީ އެ ޤައުމާ ގުޅުން ކަނޑައިލާފައެވެ. އޭގެ ފަހުން، ޤަޠަރުން އެ ޤައުމާ އެކު ރަސްމީ ހައިސިއްޔަތެއްގައި ގުޅުން ޤާއިމު ކޮށްފައެއް ނެތެވެ.

ޝަޔިބާނީއާ އެކު އެ ބައްދަލުވުގައި ބައިވެރިވި ސޫރިޔާގެ އިންތިޤާލީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަލް-ޚަވްލާ ބުނީ، ސޫރިޔާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވައިލައި ޤަޠަރުގެ ސަރުކާރުގެ އިސްވެރިންނާ ހިއްސާ ކޮށްފައިވާނެ ކަމުގައެވެ. "އަހަރުމެން މަސައްކަތް ކުރަމުން މި ދަނީ ސޫރިޔާގެ ދާޚިލީ ކަންކަން ބޭރުގެ ނުފޫޒުން ސަލާމަތް ކުރަން،" އޭނާ ބުންޏެވެ.

ޝަޔިބާނީ ބުނީ، ސޫރިޔާ އަލުން އާރާސްތުކޮށް، ޢަރަބި ޤައުމުތަކާއި ބޭރު ޤައުމުތަކާ އެކު އަލުން ޚާރިޖީ ގުޅުންތައް ޤާއިމުކޮށް، ސޫރިޔާގެ ރައްޔިތުންގެ އިންސާނީ އަދި އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ އިންތިޤާލީ ސަރުކާރުގެ މަގުޗާޓުގެ މައިގަނޑު އަމާޒު ކަމުގައެވެ. އަދި، ސޫރިޔާގައި އަލުން އެކުލަވައިލާ ސަރުކާރަކީ އެ ޤައުމުގެ ރައްޔިތުންގެ އިތުބާރާއި ބައިވެރިވުން އޮތް ސަރުކާރަށް ހަދާނެ ކަމުގައެވެ.

ޤަޠަރަށް ދަތުރު ކުރުމަށް ފަހު، ޝަޔިބާނީ ދެން ދާނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި އުރުދުނަށެވެ. ޤަޠަރަށް ދިޔުމުގެ ކުރިން އޭނާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސް، އެ ޤައުމުގެ އިސްވެރިންނާ ބައްދަލު ކޮށްފައެވެ. ޤަޠަރަކީ، ޑިސެންބަރު 8ވަނަ ދުވަހު އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ޝަޔިބާނީ ގޮސްފައިވާ ދެވަނަ ޤައުމެވެ.