ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރުވެއްޖެއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ ތަފާސްހިސާބު އާންމުކުރައްވާފައެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 19،732 އޮޕަރޭޝަން ކުރިއެވެ. އަދި 2023 ވަނަ އަހަރު މި އަދަދުވަނީ 20،593 އަށް އަރާފައެވެ.
މާލެ ސަރަޙައްދުގައި، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް، 2023 ވަނަ އަހަރު 16،163 އޮޕަރޭޝަން ކުރިއެވެ. މާލެ ފިޔަވައި އެންމެ ގިނަ އޮޕަރޭޝަން ކޮށްފައިވަނީ އައްޑޫ އަތޮޅުގައެވެ. އެ އަތޮޅުގައި 1،031 އޮޕަރޭޝަން ކުރިއެވެ. އަދި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ %71 އަކީ ޓަރޝަރީ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު ފިރިހެނުންގެ 10،301 އޮޕަރޭޝަން ކޮށްފައިވެއެވެ. އަދި އަންހެނުންގެ 10،292 އޮޕަރޭޝަން ކުރިއެވެ. މީގެ އިތުރުން ކާޑިއޯވެސްކިއުލަރ އޮޕަރޭޝަންތަކުގެ 76 އިންސައްތަ ހިއްސާކުރަނީ ފިރިހެނުންނެވެ.
Our 2022-2023 surgery data is now available!
— Ministry of Health (@MoHmv) January 6, 2025
Explore the details now! 👇#HealthInformation #HealthStatisticshttps://t.co/dDDbg00nqX pic.twitter.com/yHLZkTDHAf
އަމިއްލަ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކުގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ކުރި އޮޕަރޭޝަންތަކުގެ 47 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ހޮސްޕިޓަލްތަކެވެ. އޭގެ ތެރޭގައި ނިއުރޯސަރޖަރީ އާއި ޑަރމެޓޮލޮޖީ ހިމެނެއެވެ. ނަމަވެސް، ކާޑިއޮލޮޖީ ފަދަ މުހިންމު އޮޕަރޭޝަންތަކުގެ 90 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ހޮސްޕިޓަލްތަކެވެ.
އެންމެ ގިނަ އޮޕަރޭޝަން ކޮށްފައި ވަނީ 35 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެއެވެ. އަދި ކުއްލި ހާލަތުގައި ކުރި އޮޕަރޭޝަންތަކުގެ ތެރެއިން 63 އިންސައްތަ އޮޕަރޭޝަން ކޮށްފައި ވަނީ ފިރިހެނުންގެއެވެ. މުޅި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 17 އިންސައްތަ ހިއްސާކުރީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކެވެ.
އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އައު ޚިދުމަތްތައް ތަޢާރަފްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.