ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވީ އެ އޮތޯރިޓީގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށްކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެކި އެކި ރަށްރަށުގައި ކޮމިއުނީޓީ ބޭސްޑް ޑިޒާސްޓަރ ރިޑަކްޝަން ޕްރޮގްރާމާއި، ކޮމިއުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އުފެއްދުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި މިއީ ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ރަށްރަށަށް ދިމާވާ މިފަދަ ހާލަތްތައް، ޚާއްސަކޮށް އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަން ދެނެގަނެ ރައްކާތެރިކަން ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.
ހިސާން ވިދާޅުވީ ކައުންސިލްތަކާއި މުޖްތަމަޢުގެ ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ރަށްރަށަށް ފެން ހިއްކާ ޕަންޕާއި އެއާއި ގުޅޭ އާލާތްތައް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫޢެއް ހިންގާފައިވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން ފެން ހިއްކާ ޕަންޕާއި އެނޫންވެސް ވަސީލަތްތައް ފޯރުކޮށް ނުދެވޭ ހުރިހާ ރަށަކަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.
"މީގެ ބޭނުމަކީ އިޖާބަ ދޭ މުއައްސަސާތަކުގެ ފަރާތްތަކުންވެސް ރަށާއި ހަމައަށް ވާސިލްވުމުގެ ކުރިން ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ޓީމްތަކުން މިފަދަ ހާދިސާތަކަށް އިޖާބަ ދީ ކުރިޔާލާ ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރުން " ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ވިސްނާ ވިސްނުން އަތޮޅު ތެރޭގައި ކުރިއަށްވުރެ ބޮޑަށް ފުޅާވެފައިވާކަމަށެވެ. އެގޮތުން ޕްލޭންތައް ހަދާދިނުމަށާއި ޓެކްނިކަލް އެހީތެރިކަން ހޯދަން އަތޮޅުތަކުން ރިކުއެސްޓް ކުރަމުންދާކަމަށެވެ. އަދި އެންޑީއެމްއޭން އެންމެ ބޮޑު އިސްކަމެއްދޭނީ ލިބޭ ގެއްލުމާއި މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްކަމަށެވެ.
ހިސާން ވިދާޅުވީ ޖަޕާން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވުމާ ގުޅޭ ސާމާން ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާއި، މީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އަންނާނެކަމަށެވެ. މީގެތެރޭގައި އަލިފާން ނިންވާ 4 ވެހިކަލާއި 40 ޕަންޕް ހިމެނޭކަމަށް ހިސާން ވިދާޅުވިއެވެ.