ޚަބަރު

ރައީސް މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންގެ ހައްޤުގައިކަން ދަނީ ސާބިތުކޮށްދެއްވަމުން: މެމްބަރު އަނާރާ


  • ރަސްމާލެ މަޝްރޫޢާއެކު ގުޅިއަށްވެސް މަންފާކުރާނެކަން މެންބަރު ފާހަގަކުރެއްވި

  • ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައްވެސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑު އަޑައި، ރައްޔިތުންގެ އިޙްސާސްތަކަށް އިސްކަންދެއްވާ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

މެންބަރު އަނާރާ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ގުޅީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ވިދާޅުވީ، ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދިޔައީ، ރައްޔިތުންގެ އިޙްސާސްތައް ދަނެގެން، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރުކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ހުރާ ދާއިރާގައި ހިމެނޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރެއްވި ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްކަމަށާއި، އެގޮތުން ގުޅީ ކައިރީގައި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ އެކަމުގެ މަންފާ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ މަޝްރޫޢެއްކަން އަނާރާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް، އަޅުއްވާ ކޮންމެ ފިޔަވަޅެއް އެ އަޅުއްވަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްކަމާމެދު އަޅުގަނޑަށް އިތުބާރު އެބައޮތް." މެންބަރު އަނާރާ ވިދާޅުވިއެވެ.

މެންބަރު އަނާރާގެ ވާހަކަފުޅުގައި ގުޅިއަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ބިމުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލައަކީ އެ ރަށަށް އިންތިހާއަށް ކުރިމަތިވެފައިވާ މައްސަލައެއްކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި އައު މިސްކިތަކާއި، ލެބޯޓްރީގެ ޚިދުމަތާއި، ހުއްޓިފައިވާ ސްކޫލު އިމާރާތުގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ގުޅީ ރައްޔިތުންގެ އެދުމެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.