މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި، އެންމެ ބޮޑަށް ގެއްލުނު ލިބުނު ރަށްތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކުން ފައްޓަވައިފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި، 6 ރަށަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓުކޮށްފައެވެ.
ވިއްސާރައިގައި، އެންމެ ބޮޑަށް ގެއްލުނު ލިބުނު ރަށްތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ވި ކައުންސިލްތަކުން ދަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށްކަމަށްވާ ށ.ނަރުދޫ ކައުންސިލުން ވިދާޅުވީ، 12 ގެއަކަށް ފެންވަދެގެން ހިފާގެންގުޅޭތަކެތި ހަލާކުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ.
ރ.އިނގުރައިދޫ ކައުންސިލުން ވދާޅުވީ ވިއްސާރައިގެ ސަބަބުން އެރަށަށް އުދައަރާފައިވާކަމަށެވެ. އަދި އުދައިގެ ސަބަބުން ގޭބިސީތަކަށް ގެއްލުންވެފައި ނުވިނަމަވެސް ރަށުގެ ގިރަމުންދާ ސަރަޙައްދަށް އުދައެރުމަކީ ރައްޔިތުންގެ މުދަލަށް ނުރައްކާ އޮތްކަމެއްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ހިއްސާކުރައްވާފައިވާ އެކަމުގައި އަވަސް ހައްލުތަކެއް ބޭނުންވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ވިއްސާރައިގައި ގެއްލުންވެގެން ދ.މީދޫގެވެސް 40 ގެއަކުން ރިޕޯޓުކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ލިބުނު ގެއްލުން ވަޒަންކޮށް އެންޑީއެމްއޭއަށް މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ފ.ނިލަންދޫ ކައުންސިލުން ވިދާޅުވީ، ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވާރޭ ވެހުނު ވަގުތު 80 އިންސައްތަ ގޭބިސީއަށް ފެންވަދެގެން އެހީއަށް އެދިފައިވާކަމަށެވެ.
އެސެސްމަންޓު ހެދުމަށްޓަކައި ފޯމު ފުރުމަށް ހުޅުވާލުމުން، 27 ގެއަކުން ބޮޑެތި ގެއްލުންވެގެން ރިޕޯޓުކޮށްފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ރައްޔިތުންގެ ގޯތިގެދޮރުގައި ކުރަމުންދިޔަ ވިޔަފާރިތަކަށް ލިބުނު ގެއްލުން ވަޒަކޮށް މިލިއަނަކާ ގާތްކުރާ ޢަދަދެއްގެ ގެއްލުންވެފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ. މިގޮތުން އެލްމިނިއަމް ވޯކްޝޮޕްތައް ފަދަ ތަންތަނުގައި ޤާއިމުކޮށްފައިވާ މެޝިނަރީޒް ހަލާކުވެފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. މީގެއިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 12 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު އެސެސްމަންޓު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.
ރާއްޖެ މަތީގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން މިދިޔަ ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. އަދި އަތޮޅު ތެރޭގެ 6 ރަށަކުން އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާއިރު މާލެއިން 35 ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ވަނީ ބަދަލުކޮށްފައެވެ.
އަތޮޅުތެރޭގެ އިތުރުން މާލޭގެ ގޭބިސީތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް އެސެސްމަންޓު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެންޑީއެމްއޭއިން ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްފަހު އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.