ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ގުޅިން ހޫނު މަރުޙަބާއެއް


  • މިއީ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއް

  • ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވާނެ

  • މިއަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގަތުމަކީ ރައީސްގެ އަމާޒެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު ގުޅިއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ގުޅިއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނު ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަޙައްދުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާ، ސަލާމްކުރެއްވުމަށް ރަށުގެ ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ވަނީ އެއްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއް ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަށުގެ ރައްޔިތުންނާއިވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅަކީ އަތޮޅުތަކުގެ ރަށްތަކުގެ ޙާލަތު ބެއްލެވުމަށާއި، ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ސިލްސިލާގެ ތެރެއިން ގުޅިއަކީ އެމަނިކުފާނު މިއަހަރު ވަޑައިގެންނެވި ފުރަތަމަ ރަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަދި ރައްޔިތުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް 190އަށް ވުރެ ގިނަ ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މިފަދަ ދަތުރުފުޅުތަކުގެ ތެރެއިން ކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކުރައްވާ، ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އޮޅުންފިލުއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވަވާ، އެކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް އެމަނިކުފާނު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.