ޚަބަރު

ވައިޑް-ބޮޑީ މަތިންދާބޯޓާއިއެކު ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ


  • ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ އަންނަނީ މާދަމާ

  • މިމަހު ޗައިނާގެ 3 މަންޒިލަކަށް ދަތުރު ފަށާނެ

މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އަދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތައް ޚާއްސަކޮށް މޯލްޑިވިއަންއަށް ވަރަށް ތާރީހީ ދުވަހެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރ އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ، މިމަހުގެ ތެރޭގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާގެ 3 މަންޒިލަކަށް ދަތުރުފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއިން ޗައިނާއަށް މުދާ ގެންދިއުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެކަމަށެވެ. ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމުން ވިޔަފާރިވެރިންނަށް މީގެ މަންފާކުރާނެކަމަށް އަމްރާހު ވިދާޅުވިއެވެ.

"ވައިޑް-ބޮޑީ އެއަރކްރާޕްޓާއިއެކީގައި މިފަށަނީ ޗައިނާގެ 3 މަންޒިލްއަކަށް މި ޖަނަވަރީ މަހު. އެއީ ބެއިޖިންގ، ޝަންހާއި، އަދި ޗެންގްޑޫ. 3 މަންޒިލުންވެސް އަޅުގަނޑުމެންނަށް ޑިރެކްޓް އެކްސަސް ލިބުމާއިއެކީގައި އަޅުގަނޑުމެންނަށް ކާގޯގެ ދޮރުވެސް ހުޅުވިގެންދާނެ. ބައިޑް-ބޮޑީ އެއަރކްރާފްޓަކީ ކޮންމެ ފްލައިޓެއްގައި އޯވަރ 10 ޓަންސްގެ ކާގޯ ގެނެވޭނެ. އެހެންވީމަ ރާއްޖޭގެ ވިޔަފާރިތަކަށް މީގެއިން ވަރަށް ބޮޑު ދޮރެއް ހުޅުވިގެންދާނެ". އިސްމާއިލް އަމްރާހު އުމަރު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އަމްރާހު ވިދާޅުވިއެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ. ދަތުރުތައް ފުރަތަމަ ޗައިނާއަށް ފަށާއިރު ޗައިނާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ.

"ދަތުރުކުރާ ފަތުރުވެރިއަކު ބެއިޖިންއިން ފުރައިގެން އައްސަ ހަމަ މޯލްޑިވިއަންއިން ދަތުރުކުރާ ކަމަށްވަނީނަމަ ދެން އެދާ ފައިނަލް ޑެސްޓިނޭޝަންއަކަށް 1 ޓިކެޓްއިން ހަމަ ވަރަށް ސީމްލެސްކޮށް ދަތުރުކުރުމުގެ ދޮރު މި ހުޅުވިގެންދަނީ. ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ކޮންޕްލީޓްވެގެން މިދަނީ މިއާއިއެކީގައި". އަމްރާހު ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ވިދާޅުވީ، އެކުންފުނީގެ އުދުހުންތަކުގައި ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށްވެސް ބަދަލުތަކެއް ގެންނާނެ ކަމެއްގެގޮތުގައި މޯލްޑިވިއަނުން ސިފަކުރެއެވެ.