ޚަބަރު

ދެވަނަ ޓާމްގެ މިޑް ބްރޭކަށްފަހު ދަރިވަރުން އެނބުރި ސްކޫލަށް


  • ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ޗުއްޓީއަށް ދާނީ މާރޗްމަހު

  • 2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް 6 ގައި

15 ދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފަށައިފިއެވެ. ދެވަނަ ޓާމްގެ މިޑް ބްރޭކްއަށް ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި 15 ދުވަހުގެ މިޑް ބްރޭކްއަކަށް ފަހު މިއަދުވަނީ ހުރިހާ ސްކޫލްއެއްގައިވެސް ކިޔެވުން ފަށާފައެވެ.

ދެވަނަ ޓާމްގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ މި އަހަރުގެ މަރޗް މަހުގެ 6 ވަނަ ދުވަހުއެވެ. މިފަހަރުގެ ބޮޑު ޗުއްޓީ ދިމާވާނީ އަންނަ ރަމަޟާން މަހާއެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ.

މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދެއެވެ. ދެ ދަންފަޅިއަށް ކިޔަވައިދެމުންދަނީ 55 ސްކޫލެއްގައެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.

ކުރިއަށްމިދާ ދިރާސީ އަހަރުގައި 96000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު އޭގެތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އެގޮތުން 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިހާރު އޮންނަގޮތަށް އަހަރުގެމެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރީ، ކޯވީޑް 19އާއި ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ވަނީ ފަށާގޮތަށް ހަމަޖެހިފައެވެ.