2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރައިނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހު އެ ޤައުމުގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ހަނގުރާމައަށް ތިން އަހަރު ފުރެން ވަނީ ގާތްވެފައެވެ. އެ މުއްދަތުގެ ތެރޭގައި ރަޝިޔާގެ އަމާޒުތައް ހާޞިލްވި މިންވަރު ބަލައިލުން މުހިންމެެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ޔޫކްރައިނުގެ ހުޅަނގުގެ ސަރަޙައްދެއް ކަމަށްވާ ދޮނެސްކު ސަރަޙައްދަށް އަތްގަދަ ކުރުމަށް ރަޝިޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެމެރިކާގެ އިންސްޓިޓިއުޓް އޮފް ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު)އިން ބުނީ ސެޓެލައިޓު ފޮޓޯއިންނާއި ޖިއޯލޮކޭޓު ކޮށްފައިވާ ވީޑިޔޯ މަންޒަރުތަކުން އެނގޭ ގޮތުގައި އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމަށް މިހާތަނަށް ހޯދިފައި ވަނީ 4,168 އަކަ ކިލޯމީޓަރުގެ ބިން ކަމަށެވެ. އެއީ ޔޫކްރައިނުގެ ބިމުގެ ސަރަޙައްދުގެ އެންމެ 0.69 އިންސައްތައެވެ.
ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ގިނައީ ފެހި ބިންތަކާއި ކުދިކުދި ފަޅު އަވަށްތަކެވެ. ރަޝިޔާއިން 2024ވަނަ އަހަރުގެ ތެރޭގައި އަތްގަދަ ކޮށްފައިވާ އަވްދީވްކައާއި ސެލިދޯވާއި ވުހްލެދަޔާއާއި ކުރަކަވަކީ އާބާދީގެ ގޮތުން މެދު މިނުގެ އަވަށްތަކެއް ނަމަވެސް އެ ތަންތަނުގެ މައްޗަށް އަތްގަދަ ކޮށްގެން ރަޝިޔާއަށް ޙާޞިލްވި މުޙިންމު ކަމެއް ނެތެވެ. ޔޫކްރައިނުގެ ދިފާޢީ މަޤާމުތަކަށް އެނގުންވާ ވަރަށް ވެސް ރަޝިޔާއިން ޔޫކްރައިނަށް ޙަމަލާ ދެވިފައެއް ނުވެއެވެ.
ރަޝިޔާއިން ވަނީ އަވްދީވްކާ އިސްތިޢުމާރު ކުރުމަށް ހަތަރު މަސް އަދި ސެލީޑޯވާއި ޚަރަޚޮވު އިސްތިޢުމާރު ކުރުމަށް ދެ މަސް ހޭދަ ކޮށްފައެވެ. ނަމަވެސް އެ ސަރަޙައްދުތަކުގައި އެދެވޭ ގޮތަކަށް އަސްކަރީ ޙަމަލާތައް ކުރިއަށް ގެންދެވިފައި ނުވާތީ ޔޫކްރައިނުގެ ދިފާޢީ ސަފުތައް ރަޝިޔާއަކަށް އަދި ފޫއަޅުވައެއް ނުލެވެއެވެ. ރަޝިޔާއިން މިހާތަނަށް އިސްތިޢުމާރު ކޮށްފައިވާ އެއްވެސް ސަރަޙައްދެއްގެ ސަބަބުން ހަނގުރާމައިގައި ޔޫކްރައިނަށް ބޮޑު ގެއްލުމެއް ދެވޭނެ ކަމަކަށް ނުބެލެވެއެވެެ.
އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ދޮނެސްކު ސަރަޙައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ އެ ޤަައުމުގެ އަސްކަރިއްޔާއަށް އަންގަވައިފައެވެ. ނަމަވެސް އަވްދީވްކާއާއި ސެލީވިޑޯވާއި ޚަރަޚޮވަށް އަތްގަދަ ކުރުމަށް ހޭދަވި މުއްދަތަށް ބަލައި ނަމަ ދޮނެސްކު އިސްތިޢުމާރު ކުރުމަށް އަދި އިތުރު ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށް ބެލެވެއެވެ.
ޔޫކްރައިނުން ޤަބޫލުކުރާ ގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައި 427,000އާާއި 430,000އާ ދެމެދުގެ ޢަދަދަކަށް ރަޝިޔާ ސިފައިން ވަނީ ޒަޚަމްވެ ނުވަތަ މަރުވެފައެވެ. އެއީ 2022ވަނަ އަހަރާއި 2023ވަނަ އަހަރު ހަނގުރާމައިގައި ޒަޚަމްވި އަދި މަރުވި ރަޝިޔާ ސިފައިންގެ ޖުމްލަ ޢަދަދަށްވުރެ ވެސް އިތުރު ޢަދަދެކެވެ. މި ޢަދަދުތަކުން ހިސާބު ކުރާނަމަ ދުވާލެއްގެ މައްޗަށް 1,180 ސިފައިން ޒަޚަމްވެ ނުވަތަ މަރުވެއެވެ. ނަމަވެސް އަހަރު ނިމުމާ ގާތަށް ދުވާލަކު ޒަޚަމްވި އަދި މަރުވި ސިފައިންގެ ޢަދަދު ވަނީ އިތުރު ވެފައެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރަޝިޔާއިން ޔޫކްރައިނަށް ދިން ޙަމަލާތައް އިތުރު ކުރުމުންނެވެ.
ހަނގުރާމައިގައި ބައިވެރިވާ ރަޝިޔާގެ ސިފައިންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދާން ފެށުމުން އެ ކަން ފޫބެއްދުމުގެ ގޮތުން ރަޝިޔާއިން ވަނީ ހަނގުރާމައިގައި އުތުރު ކޮރެޔާގެ ސިފައިން ބޭނުން ކުރަން ފަށައިފައެވެ. ނަމަވެސް ޔޫކްރައިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ގިނަ ޢަދަދެއްގެ އުތުރު ކޮރެޔާ ސިފައިން ވެސް މަރުވެފައިވާ ކަމަށެވެ. އެ ގޮތުން ކުރޫސްކު ސަރަޙައްދުގައި އުތުރު ކޮރެޔާގެ 3،000އަށްވުރެ ގިނަ ސިފައިން ޒަޚަމްވެ ނުވަތަ މަރުވެފައިވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އުތުރު ކޮރެޔާގެ ސިފައިން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި އަތުލައިގެންފާނެތީ ސީދާ ރަޝިޔާއިން އެ މީހުން މަރަމުންދާ ކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.
ބެލެވޭ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންނަށް މި ވަގުތަށް މުހިންމީ އިޤްތިޞާދީ މަސަައްކަތްތެރިންނަށް ވުރެ ހަނގުރާމައިގައި ބައިވެރިވާނޭ ސިފައިންނެވެ. ހަނގުރާމައިގެ ޙާލަތުގައި ރަޝިޔާގެ މަސައްކަތްތެރިންގެ ޢަދަދު ވަނީ 1.5 މިލިއަނުން މަދުވެފައެވެ. މި ހަފުތާގެ ތެރޭގައި ޕުޓިން ވަނީ ރަޝިޔާގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ މީހުން އޭޕްރީލް މަހުގެ ނިޔަލަށް އެ ޤައުމުން ފައިބަން ޖެހޭނެ ކަމަށް އަންގައި ޤަރާރެއް ނެރުއްވާފައެވެ. ނަމަވެސް އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅިއްޖެ ނަމަ އެ މީހުންނަށް ޤައުމުގައި ތިބެވޭނެއެވެ.
އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރު ފޫބެއްދުމުގެ ގޮތުން ޕުޓިން ވަނީ އެ ޤައުމަށް މެދުތެރޭ އޭޝިޔާގެ މަސައްކަތްތެރިން ގެނައުމަށް ހުށަހަޅުއްވައިފައެވެ. އަދި އެ ސަރަޙައްދުގައި ރަޝިޔާ ބަސް ކިޔަވައިދިނުން އިތުރުކުރުކޮށް ރަޝިޔާއަށް މަސައްކަތް ކުރަން އައުމަށް ޝައުޤުވެރިވާ މިހުންގެ ޢަދަދު އިތުރުކުރުމަށް ހުށަހުއްވައިފައެވެ. މި ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ރަޝިޔާގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމަށް ހަނގުރާމައިގެ ސަބަބުން ބޮޑު އަސަރެއް ކޮށްފައިވާ ކަން ކަށަވަރެވެ.
ހަނގުރާމައިގެ ޙާލަތުގައި ރަޝިޔާއިން ހަނގުރާމައިގެ ޚަރަދުތައް ކުރަމުން ދަނީ ތެލާއި ގޭސް ވިއްކައިގެން ލިބޭ އާމްދަނީންނެވެ. އަދި ޔޫކްރައިނަށް އެހީތެރި ވަނީ އެ ޤައުމަށް ވާގިވެރިވާ ހުޅަނގުގެ ބައިވެރިންނެވެ. ދެ ޤައުމުން ވެސް މަސައްކަތް ކުރަމުން ދަނީ ހަތިޔާރު ހޯދުމުގައި އިތުރު ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ ހަތިޔާރު އުފެއްދުމަށެވެ.
ޔޫކްރައިނުން ބޭނުން ކުރާ ހަތިޔާރުގެ 30 އިންސައްތައަކީ އެ ޤައުމުގައި އުފައްދާފައިވާ ހަތިޔާރު ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަމިއްލައަށް ފަރުމާކޮށް އަހަރެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ޑްރޯން އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ. އެ ޑްރޯންތައް ބޭނުން ކޮށްގެން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ވެސް ޔޫކްރައިނުން ދީފައި ވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރަޝިޔާގެ ހެލިކޮޕްޓަރެއް ވެސް ޑްރޯނެއް ބޭނުންކޮށްގެން ވަނީ ވައްޓައިލައިފައެވެ. މިއީ ޔޫކްރައިނުން ރަޝިޔާގެ ހެލިކޮޕްޓަރެއް ވައްޓައިލި ފުރަތަމަ ފަހަރެވެ.
ރަޝިޔާއިން ވެސް ވަނީ ޑްރޯނު ހޯދުމަށް ކުރާ ޚަރަދު އިތުރުކޮށްފައެވެ. ނަމަވެސް ބައެއް ކަހަލަ ޓެކްނޮލޮޖީ އެތެރެކުރުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މިިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން 5.760 ޑްރޯން އުފައްދާފައިވާ ކަމަށް ވެއެވެ.
2024ވަނަ އަހަރު ރަޝިޔާއިން ވެސް ވަނީ ޑްރޯނާއި މިސައިލް ޙަމަލާތައް އިތުރު ކޮށްފައެވެ. 1،300 ޑްރޯނާއި އެތައް ސަތޭކަ މިސައިލް ބޭނުން ކޮށްގެން ރަޝިޔާއިން ވަނީ ޔޫކްރައިނަށް 200އަށްވުރެ ގިނަ ވައިގެ ޙަމަލާ ދީފައެވެ. ޔޫކްރައިނުން ބުނީ ފާއިތުވި އަހަރުގެ ތެރޭގައި ރަޝިޔާގެ 11,200އަށްވުރެ ގިނަ ޑްރޯން އެ ޤައުމުން ވައްޓައިލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީރާނުން އުފައްދާފައިވާ 7,800 ޝާހިދު ޑްރޯން ހިމެނެއެވެ.
ރަޝިޔާގެ އިންސާނީ އަދި އިޤްތިޞާދީ ވަޞީލަތްތައް ލިބެން ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް އަޑިއަޅައިލައިފައެވެ. ކަން މިހެން އޮތް އިރު ޔޫކްރައިނުން ދަނީ އަމިއްލަ ގޮތްތައް އިޚްތިޔާރުކޮށް ހުޅަނގުގެ އެހީއާއެކު ރަޝިޔާގެ ޙަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހަނގުރާމައިގެ ޙާލަތު ބަދަލުވެގެން ދާނީ ކިހިނެތްކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.