ޢުމުރުން 116 އަހަރުގައި ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެއެވެ.
ގިނިސް ވޯލްޑު ރެކޯޑުން ދުނިޔޭގެ އެންމެ ދުވަސްވީ މީހާކަމަށް ކަނޑައަޅާފައި ވަނީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ތޮމިކޯ އިތޫކާއެވެ. އޭނާ މަރުވެފައި ވަނީ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ޖަޕާނުގެ މެދުތެރޭގެ ރަށެއް ކަމުގައިވާ އާޝިޔާގައި ހުންނަ މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައެވެ.
އިތޫކާ އުފަންވީ 1908ވަނަ އަހަރުގެ މެއި މަހުގެ 23ވަނަ ދުވަހު ޖަޕާނުގެ އޮސާކާގައެވެ. މަދުރަސީ ދައުރުގައި އިތޫކާއަކީ ވޮލީބޯޅަ ކުޅުމަށް ލޯބި ކުރި މީހެކެވެ. އެހެން މީހުން އޭނާގެ މިޒާޖު ސިފަ ކުރަނީ އަބަދު ވެސް ވަރަށް ޖޯޝުގައި ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލައި މީހެއްގެ ގޮތުގައެވެ. ޢުމުރުން 20 އަހަރުގައި ޒަވާޖީ ޙަޔާތެއް ފަށައި އިތޫކާއަށް ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ މަސައްކަތް ކުރީ އޭނާގެ ފިރިމީހާގެ ހެދުން އުފައްދާ ކާރުޚާނާގެ އިދާރީ ކަންކަން ބެލެހެއްޓުމުގައެވެ. 1979ވަނަ އަހަރު އޭނާގެ ފިރިމީހާ މަރުވި ފަހުން އޭނާ ދިރިއުޅެމުން ދިޔައީ ނާރާ ކިޔައި އަވަށެއްގައި އެކަންޏެވެ. އޭނާ މަރުވިއިރު އަންހެން ދަރިއަކާ ފިރިހެން ދަރިއަކާ ފަސް މާމަ ދަރިން ދުނިޔޭގައި ތިއްބެވެ.
10,000 ފޫޓުގެ އުސްމިން ހުންނަ އޮންޓަކީ ފަރުބަދައަށް ދެ ފަހަރު އަރާފައިވާ އިތޫކާގެ ޙަޔާތުގައި ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފައި ވެއެވެ. އެ ގޮތުން ދުނިޔޭގެ ބޮޑު ހަނގުރާމަތަކާއި އެކި ބަލިމަޑުކަމާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ބޮޑެތި ބަދަލުތައް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ. ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަޤާމު އިތޫކާއަށް ލިބުނީ އޭނާގެ ކުރިން އެ މަޤާމުގައި ހުރި 117 އަހަރުގެ މާރިޔާ ބްޔާންޔަސް މަރުވުމުންނެވެ.
އިތޫކާ މަރުވުމާ ގުޅިގެން މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ އޭނާއަށް ވުރެ 16 ދުވަސް ފަހުން އުފަންވި ބުރެޒިލްގެ އިނާ ކަނަބަރޯ ލޫކަސް ކަމަށް ޖެރޮންޓޮލޮޖީ ރިސާޗު ގުރޫޕުން ވަނީ ބުނެފައެވެ.
ޖަޕާނުގެ އަންހެނުންނަކީ ޢާންމު ގޮތެއްގައި ވަރަށް ޢުމުރު ދިގު ބައެކެވެ. އެ ޤައުމުގެ ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ސަބަބުން ޞިއްޙީ ފަރުވާއަށާއި ވެލްފެއާއަށް ކުރަން ޖެހޭ ޚަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ނަމަވެސް ދުވަސްވީ މީހުންގެ ނިޞްބަތަށްވުރެ ޒުވާން މަސައްކަތްތެރިންގެ ޢަދަދު މަދުވުމުން އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކޮށް ދުވަސްވީ މީހުންގެ ބޭސްފަރުވާއާއި ވެލްފެއާއަށް ދައުލަތުން ޚަރަދު ކުރުމަށް އެ ޤައުމުން ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.