ޚަބަރު

އެމްޓީސީސީގެ ފެރީގެ ޙިދުމަތް 15 އަތޮޅަކަށް


ރާއްޖޭގެ 2 ސަރަޙައްދެއް ފިޔަވައި އެހެން ހުރިހާ ސަރަޙައްދަކަށް ފެރީގެ ޚިދުމަތް ދިނުމާއި، މާލެއާއި، ކުޅުދުއްފުށި އަދި ތިނަދޫގައި، ސްކޫލް ބަހާއި، ޢާއްމު ބަސްދަތުރުގެ ޚިދުމަތް ދިނުން، ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވައިފިއެވެ.

މިއަދު ވަނީ މިކަމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތުއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، ތ، ލ އަދި ގއ، ގދ ގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދެމުންގެންދާނީ އެމްޓީސީސީގެ ފަރާތުންނެވެ. އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދުތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމުގައި އެމްޓީސީސީން ހާމަކުރެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކައްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މި އެއްބަސްވުމާއެކު އެ ސަރަޙައްދުތަކަށް ޒަމާނީ ފެންވަރުގައި ފެރީގެ ޚިދުމަތް ލިބޭނެކަމަށެވެ.

ސްކޫލް ބަހާއި، ޢާއްމު ބަސްދަތުރުގެ ޚިދުމަތްވެސް މާލެއާއި، ކުޅުދުއްފުށި އަދި ތިނަދޫގައި، އެމްޓީސީސީ މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުގެ ދަށުން މި ތިން ސަރަޙައްދުގައި ބަސްދަތުރުގެ ޚިދުމަތް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ބަހުގެ ޚިދުމަތް ދޭން ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ކުރަމުން އަންނަކަމަށާއި މި ޚިދުމަތުގެ އަގު ކަނޑައަޅާފައިވަނީ ދަތުރުކުރާ ދުރުމިނުގެ ނިސްބަތަށް ބިނާކޮށްކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވިއެވެ. ފެރީގެ ޚިދުމަތް ދިނުން، އެމްޓީސީސީއާ ޙަވާލުކުރެއްވި ސަރަޙައްދުތަކުގެ ތެރޭގައި ނުހިމެނޭ ދެ ސަރަޙައްދަކީ ޏ. ފުވައްމުލަކު އަދި އައްޑޫ ސިޓީއެވެ. އެ ދެ ސަރަޙައްދަށް ފެރީގެ ޚިދުމަތާއި ބަހުގެ ޙިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޕޯޓް ލިމިޑެޓުންނެވެ.