ގްރީންލޭންޑުގެ ބޮޑުވަޒީރު މުއްޗޭ އޭގާ އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމު ކުރުމަށް އެދޭ ކަމަށް ވިދާޅުވެއްޖެއެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ބޮޑު ރަށެކެވެ. ޑެންމާކުން ގްރީންލޭންޑު އިސްތިޢުމާރު ކޮށްފައި ވަނީ 1721ވަނަ އަހަރެވެ. 1953ވަނަ އަހަރު ގްރީންލޭންޑުގެ ދަރަޖަ ވަނީ ޑެންމާކުގެ ރަށަކަށް ބަދަލުކޮށްފައެވެ. އަދި 1979ވަނަ އަހަރު އަމިއްލަ ސަރުކާރެއް ޤާއިމުކުރުމުގެ ޙުއްދަ ވަނީ ގްރީންލޭންޑަށް ދީފައެވެ. އޭގެ ފަހުން 2009ވަނަ އަހަރު ގްރީންލޭންޑަށް ދީފައިވާ ބާރުތައް އިތުރު ކުރި ނަމަވެސް އެ ރަށުގެ ދާޚިލީ ސިޔާސަތުތަކާއި ދިފާޢީ ކަންކަން އަދިވެސް ބަލަހައްޓަނީ ޑެންމާކުގެ މައި ސަރުކާރުންނެވެ.
އައު އަހަރާ ގުޅިގެން ދެއްވި ޚިޠާބެއްގައި ބޮޑުވަޒީރު އޭގާ ވިދާޅުވީ ގްރީންލޭންޑުން އެހެން ޤައުމުތަކާ އޮންނަ ގުޅުން ވަރުގަދަ ކުރަން ބޭނުންވާ ކަމަށެވެ. އޭގާ ވިދާޅުވީ މިނިވަންކަމާ ދިމާއަށް ފިޔަވަޅެއް އަޅައި އަމިއްލަ ކުރިމަގު ބައްޓަން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އަދި ގާތުން އެކުގައި މަސައްކަތްކޮށް ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި ކަނޑައަޅާނީ ކޮން ބައެއްްތޯ ވެސް ނިންމަން ވެއްޖެ ކަމަށެވެ. ތާރީޚާއި މިހާރުގެ ޙާލަތުން ވެސް ހާމަ ކޮށްދެނީ ޑެންމާކާ ގުޅިގެން ކުރި މަސައްކަތްތަކުގައި ހަޤީޤީ ހަމަހަމަކަން ޤާއިމު ކުރެވިފައި ނުވާކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ އިތުރު ފިޔަވަޅެއް އަޅައި އިސްތިޢުމާރީ ކަސްތޮޅަކުން މިންޖުވެ, ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތައިލަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ގްރީންލޭންޑަކީ މިނިވަން ދައުލަތަކަށް ހެދުމަށް ގޮވާލައި ޙަރަކާތްތައް އެ ރަށުގައި ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި 20ވަނަ ޤަރުނުގެ ތެރޭގައި ގްރީންލޭންޑާ ދެކޮޅަށް ޑެންމާކުން ގޯސްކޮށް ކޮށްފައިވާ ބައެއް ކަންކަން ހާމަވެގެން ދިއުން ހިމެނެއެވެ. އެ ގޮތުން 1960ގެ އަހަރުތަކުގައި ގްރީންލޭންޑުގެ އަންހެނުންގެ ހަށިގަނޑަށް އެ މީހުންނަށް އެނގުމަކާ ނުލައި އަދި އެ މީހުންގެ ރުހުމަކާ ނުލައި ދަރިމައިވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތްތައް ލައްވާފައިވާ ކަން ހާމަވުން ހިމެނެއެވެ.
57,000 މީހުންގެ އާބާދީއެއް އޮންނަ ގްރީންލޭންޑުގެ ގިނަ ރައްޔިތުން ބޭނުން ވަނީ ޑެންމާކުގެ ކިބައިން މިނިވަން ވުމަށެވެ. ނަމަވެސް އެއީ ކޮން ވަގުތަކު އަދި ކޮން އުޞޫލުތަކެއްގެ މަތިން ހާޞިލްކުރާނެ ކަމެއްކަމާ މެދު ޢާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. މިނިވަންކަމާ މެދު ގޮތެއް ނިންމާނީ ގްރީންލޭންޑުގެ ރައްޔިތުން ކަމަށް އޭގާ ވަނީ ވިދާޅުވެފައެވެެ. ނަމަވެސް އެ ކަމާ ގުޅޭ ވޯޓެއް ނަގާނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
މި ފަދަ މޭރުމަކުން އޭގާ ވަހަކަ ދައްކަވާފައި މި ވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑު ޓްރަމްޕު ވެސް ގްރީންލޭންޑުގެ މައްޗަށް ބާރު ފޯރުވާ އެ ރަށަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ދެ ފަހަރެއްގެ މަތިން ގްރީންލޭންޑު ގަތުމަށް ހުށަހަޅުއްވާފައި ވެއެވެ. އެއީ 2019ވަނަ އަހަރާއި މިދިޔަ އަހަރުގެ ތެރޭގައެވެ. ދެ ފަހަރު ވެސް ގްރީންލޭންޑުން ވަނީ އެ ހުށަހެޅުންތަކަށް އިންކާރު ކޮށްފައެވެ. މިދިޔަ އަހަރުގެ ހުށަހެޅުމާ ގުޅޭގޮތުން އޭގާ ވިދާޅުވީ ގްރީންލޭންޑަކީ އެ ޤައުމުގެ ރައްޔިތުންގެ ހައްޤެއްް ކަމަށާއި އެ ރަށަކީ ވިއްކާ ރަށެއް ނޫން ކަމަށެވެ. އަދި ދުވަހަކު ވެސް އެ ރަށް ނުވިއްކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައު އަހަރުގެ ޚިޠާބުގައި ޓްރަމްޕާއި އެމެރިކާއާ ގުޅޭ އެއްވެސް ވާހަކައެއް އޭގާ ދައްކަވާފައެއް ނުވެއެވެ.