ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ އަސްތިޢުމާރީ ފައުޖުން ޣައްޒާގެ ގިނަ ސަރަޙައްދުތަކަކަށް ވައިގެ ޙަމަލާތަކެއް ދީ ބޮޑެތި ޤަތުލްޢާންމުތަކެއް ހިންގައިފިއެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާތަކެކެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,658އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް \ޤަބޫލު ކުރެވެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,583 މީހުން ޒަޚަމު ކޮށްލާފައެވެ. ގެދޮރު ގެއްލި ފޭލިގެ ތަކުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުން ވަނީ ފިނި މޫސުމުގެ ގަދަ ފިންޏާ ކުރިމަތިލާން ޖެހި ގިނަ އުނދަގޫތައް ތަޙައްމަލް ކުރަމުންނެވެ.
ފަލަޞްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ނިރުބަވެރި ޔަހޫދީ ފައުޖުން ޣާއްޒާގެ 110 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޙަމަލާތައް އިތުރު ކޮށްފައި މި ވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ 20ވަނަ ދުވަހު ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ބާރު އަަޅަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީ ފައުޖުން ބުރާސްފަތި ދުވަހު ދިން ޙަމަލާތަކުގައި 71 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ދުވަހު ޙަމަލާ ދިން ސަރަޙައްދުތަކުގެ ތެރޭގައި ރައްކާތެރި ސަރަޙައްދެއް ކަމަށް ޔަހޫދީން މީގެ ކުރިން ބުނެފައިވާ އަލް-މަވާސީ ހިމެނެއެވެ. އެއީ ޣައްޒާގެ މެދުތެރޭގައި އޮންނަ ރަށެކެވެ. އޭގެ އިތުރުން ޚާން ޔޫނިސަށް ވެސް ޙަމަލާތައް އަމާޒު ކޮށްފައި ވެއެވެ. ހުކުރު ދުވަހުގެ ޙަމަލާތަކުގައި ވެސް 40 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރާއި އެމެރިކާއިން މަސައްކަތް ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ. އައު ދައުރަކަށް ޓްރަމްޕު ހުވައި ކުރެއްވުމުގެ ކުރިން އެ ކަން ޙާޞިލް ކުވޭތޯ ތިން ޤައުމުން ދަނީ އައު ހިތްވަރަކާއެކު މަސައްކަތް ކުރަމުންނެވެ.
ޤަޠަރާއި މިޞްރުން އިސްވެ ކުރިއަށް ގެންދާ ޞުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔަހޫދީންގެ މަންދޫބެއް ވަނީ ދައުޙާއަށް ދަތުރު ކޮށްފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވެސް ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމަށް ބާރު އަޅައިފައެވެ. ނަމަވެސް އެ ހިސާބަަށް ވާޞިލްވުމާ ގާތްވެފައިވާ މިންވަރެއް ސާފެއް ނުވެއެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް މިހާތަނަށް ޤާޢިމު ކުރެވިފައި ނުވަނީ ހަނގުރާމަ ހުއްޓައިލާނެ ގޮތަކާމެދު އެއްބަސް ނުވެވިގެންނެވެ. ޙަމާސުން ބުނަނީ އެއްބަސްވުމަކާ ހަމައަށް އައިސް ރަހީނު ކޮށްފައިވާ ޔަހޫދީން ދޫކޮށްލައިނީ ހަނގުރާމަ ހުއްޓައިލާނެ ކަމުގެ ޔަޤީންކަން ޔަހޫދީން ދިނުމުން ކަމަށެވެ.
ޙަމާސުން ބޭނުން ވަނީ ޙަމަލާ ބަދަލުކުރުން ދާއިމީކޮށް ހުއްޓައިލާ ޣައްޒާގައި ތިބި ޔަހޫދީ ފައުޖުތައް ޣައްޒާއިން ފޭބުމަށެވެ. އަދި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން އަނބުރާ އެ މީހުންގެ ގެދޮރަށް ދެވެން ވާނެ ކަމަށް ވެސް ޙަމާސުން ބުނެއެވެ.