ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށި ފަހުން އެ ސަހަރުގެ އާބާދީގެ %6 ދަށަށް ގޮސްފައިވާ ކަން، ފަލަސްޠީނުގެ ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (ޕީސީބީއެސު)ން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަހެއްހާ ދުވަސް ކުރިންނެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.
ޕީސީބީއެސުން ބުނީ، ފާއިތުވި 15 މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ އާބާދީ %6ން ދަށްވެފައިވާ ކަމުގައެވެ. ސަބަބަކީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ ސަހަރު ދޫކޮށް 100,000އެއްހާ މީހުން ހުޅަނގު އައްސޭރިއާއި ބޭރު ޤައުމުތަކަށް ހިޖުރަ ކުރުމެވެ. އަދި، ޔަހޫދީންގެ ޖަރީމާތަކުގައި 55,000އެއްހާ މީހުން ޝަހީދު ކޮށްލުމެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 11,000އަށް އަރާ ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. ޢުދުވާނުގެ ތެރެއިން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އޭގެ ތެރެއިން ގިނަ ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޕީސީބީއެސުން ބުނީ، ޣައްޒާގެ އާބާދީން 160,000އެއްހާ މީހުން މަދުވެފައިވާއިރު، އެ ސަހަރުގައި މި ވަގުތު ދިރިއުޅެމުންދާ މީހުންގެ އަދަދަކީ 2.1 މިލިޔަން ކަމުގައެވެ. އޭގެ ތެރެއިން %47 ނުވަތަ މިލިޔަނަކަށް ވުރެ މީހުންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިން ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ ދަށުން ޣައްޒާގައި ދިރިއުޅޭ އިންސާނުންގެ ފުރާނަ ނަގައިލަމުން ގޮސްފައިވާއިރު، އިމާރާތްތަކާއި ޢުމްރަނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. "ބޮޑެތި ޢާއިލާތަކެއް ވަނީ ރަޖިސްޓަރީން ފޮހެލާފައި. އިންސާނީ ގޮތުން އަދި ޢުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފި،" އެ އިދާރާއިން ހާމަކުރިއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަމުގައި ބައިނަލްއަޤުވާމީ އިދާރާތަކުން ވެސް ކަނޑައަޅާފައިވާއިރު، ޔަހޫދީން ވަނީ ޕީސީބީއެސްގެ ތަފާސްހިސާބުތައް ދޮގު ކޮށްފައެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި ކަނޑައަޅާފައިވާ އިދާރާތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ހިމެނެއެވެ.
ޕީސީބީއެސުން ބުނީ، ޣައްޒާގެ އާބާދީގެ %22 އިންސައްތަ މީހުން މި ވަގުތު ތިބީ ހައިހޫނުގައި ޖައްސާފައި ކަމުގައެވެ. އޭގެ ތެރޭގައި، މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ކުރިމަތިވެ، މަރަށް ހުށަހެޅިފައިވާ 3,500އެއްހާ ކުޑަކުދިން ހިމެނޭ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ. ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަކީ ޔަހޫދީން ބޭނުން ކުރަމުންދާ ހަނގުރާމައިގެ އުކުޅެކެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫތަކާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާއެކެވެ. ޣައްޒާ ޢުދުވާން ފެށުމާ އެކު، ޔަހޫދީން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,553އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,379 މީހުން ޒަޚަމު ކޮށްލާފައެވެ.