ކުޅިވަރު

އިޓާލިއަން ސުޕަ ކަޕް: މެޗު އޮތީ ސައުދީގައި، އިންޓަރ މިލާނުގެ އިތުބާރު މާ ބޮޑު


އިޓާލިއަން ސުޕަ ކަޕުގައި މިރޭ އެޓްލާންޓާއާ ދެކޮޅަށް ސައޫދީ އަރަބިއާގައި މެޗު ކުޅެންޖެހޭތީވެ ކުރެވެނީ އަމިއްލަ ގޭގައި ތިބެވޭ ކަމުގެ އިހުސާސް ކަމަށް އިންޓަމިލާނުގެ ކުޅުންތެރިން ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންޓަރ މިލާނުގެ މިޑްފީލްޑަރު ހެންރިކް މިކްތާރިއަން ބުނީ ތަށި ދިފާއު ކުރަން ސައޫދީގައި ތިބި އެ ކުލަބުގެ ސަޕޯޓަރުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

"
(ސައޫދީގެ ވެރިރަށް) ރިޔާދް ހީވަނީ އަމިއްލަ ގެ ހެން. މިއީ މިއަހަރުމެން ރިޔާދުގައި ފައިނަލް ކުޅޭ ތިން ފަހަރު. އަހަރުމެން ވަނީ މިދިޔަ ދެ ފަހަރު ވެސް ތަށި ހޯދާފައި. އުއްމީދަކީ މި ފަހަރު ވެސް ތަށި ހޯދުން. އެކަމަކު އޭގެ ކުރިން އަހަރުމެން ވިސްނަނީ މިރޭގެ މެޗުން މޮޅުވެ ފައިނަލަށްދާން. އަހަރުމެންނަށް އެނގޭ އެޓްލާންޓާގެ ވަރުގަދަކަން،
އިންޓަރ މިލާނުގެ މިޑްފީލްޑަރު ހެންރިކް މިކްތާރިއަން

އޭނާ ބުނީ އިޓާލިއަން ލީގުގެ އެއްވަނާގައި މިވަގުތު އޮތް ޓީމުގެ މައްޗަށް ކުރި ހޯދަން އިންޓަގެ އަމިއްލަ ގޭމް ކުޅެންޖެހޭ ކަމަށެވެ. އަދި މިއީ ހޯދުން މުހިންމު ތައްޓެއް ކަމަށެވެ.

ކޯޗު ސިމޯން އިންޒާގީ ބުނީ މި މުބާރާތުގެ ތަށި ހޯދުމަކީ އިޓާލިއަން ލީގު ދިފާއު ކުރުމަށް މަސައްކަތް ކުރާ އޭނާގެ ޓީމަށް ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށްވާނެ ކަމަށެވެ.

"
ވަރަށް ސާފު. 2025 ވަނަ އަހަރުގެ ޓާގެޓަކީ ވެސް އަހަރެން މީގެ ތިން އަހަރާއި ބައިގެ ކުރިން އައި އިރު ވެސް އޮތް ޓާގެޓް. އެއީ ތަށި ހޯދުން. އިންޓަމިލާނަށް އަބަދުވެސް އޮންނާނީ ތަށި ހޯދުން. މިހާރު އެންމެ ގާތުގައި އޮތް ޓާގެޓަކީ މި ތަށި ކާމިޔާބު ކުރުން.
ކޯޗު ސިމޯން އިންޒާގީ

ނަމަވެސް އޭނާ ބުނީ މި ފަހަރުގެ މުބާރާތް ކުރިއަށް ވުރެ ވަރުގަދަވާނެ ކަމަށެވެ. ސަބަބަކީ ގާތްގާތުގައި ސެމީ ފައިނަލާއި ފައިނަލް ކުޅެން ޖެހުން ކަމަށެވެ.

މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ މާދަމާ ރޭ ދަންވަރު އޭސީމިލާނާއި ޔުވެންޓަސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.