ތަޢުލީމު

ލ.މާވަށު ސްކޫލްގައި ދެބުރި ޢިމާރާތެއް އަޅަން އެއްބަސްވެއްޖެ


ލ. މާވަށު ސްކޫލްގައި 5 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހިމެނޭ ދެބުރި ޢިމާރާތެއް، ބިނާކުރެއްވުމަށް 11.88 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް، އަދި ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙިލްމީއެވެ.

ލ. މާވަށު ސްކޫލްގައި 5 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހިމެނޭ ދެބުރި ޢިމާރާތެއް، ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވީ މިމަސައްކަތް ޙަވާލުކުރެއްވީ 360 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ޖޫން މަހުގެތެރޭގައި ޢިމާރާތުގެ މަސައްކަތް ނިމި، އެ އަހަރުގެ ދެވަނަ ސެމެސްޓަރގެ ކިޔެވުން ފެށޭއިރު އައު ޢިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެމްބަރު އަޙުމަދު އަޒްހާން ފަހުމީ، މިރަސްމިއްޔާތުގައި ވިދާޅުވީ މިޢިމާރާތާއެކު މާވަށު ސްކޫލްގެ ދަރިވަރުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. މި މަސައްކަތް ޙަވާލުކުރި ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙިލްމީ ވިދާޅުވީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ޙަވާލުކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. 400 ދަރިވަރުން ކިޔަވަމުން އަންނަ ލ. މާވަށު ސްކޫލްގައި ގްރޭޑް އެކަކުން ފެށިގެން 10 އާ ހަމައަށް ކިޔަވައިދެއްވައެވެ.