ޚަބަރު

އެސްޓީއޯގެ ބޭސްފިހާރައެއް މަޖީދީމަގު މާފަންނުގައި ހުޅުވައިފި


  • މިތަން ހުޅުވީ ވެލިގާ ހާޑްވެއަރއާ ޖެހިގެން ކަންމަތީ ހުންނަ އިމަރާތުގައި

  • މެޑިކަލް، ހޯމް އަދި ޕަރސަނަލް ކެއަރ ރޭންޖުގެ ގިނަ ތަކެތި ލިބެން ހުންނާނެ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއިން މާފަންނު މަޖީދީ މަގުގައިގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ.

މި ބޭސް ފިހާރަ ހުޅުވާފައިވަނީ މާފަންނު، ވެލިގާ ހާޑްވެއަރއާއި ޖެހިގެން ކަންމަތީގައި ހުންނަ އިމަރާތުގެ ފުރަތަމަ ދެ ފަންގިފިލާގައެވެ.

އެސްޓީއޯއިން ވިދާޅުވީ އެ ސަރަޙައްދުގައި ފާމަސީއެއް ހުޅުވަން ނިންމީ ގިނަ ކްލިނިކްތަކެއް ހުންނަ ހިސާބެއްކަމުން، ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ޚިދުމަތް ކްލިނިކްތަކާއި ކައިރިން ލިބޭނެ ގޮތް ހަމަޖެއްސުމަށްކަމަށެވެ.

އެސްޓީއޯއިން މިއަދު އަލަށް ހުޅުވާފައިވާ މި ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ހުޅުވި ފާމަސީއެއްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގޮތުން ޚިދުމަތް ހޯދާ މީހުންނަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އެކުއިޕްމަންޓުގެ އިތުރުން ހޯމްކެއަރ އަދި ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި މިތަނުން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ފާމަސީގެ 2 ވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ މެޑިކަލް އިކުއިޕްމެންޓްސްއާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްސަކުރެވިފައިވާ ކައުންޓަރެއް ހުންނާނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ފާމަސީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މެނދުރު 02:00 އިން ރޭގަނޑު 10:00 އަށެވެ.

އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާއްމުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްދުމަށްކަމަށެވެ. އެސްޓީއޯގެ ބޭސްފިހާރައެއް މަޖީދީމަގު ހެންވޭރުގައިވެސް ހިންގަމުންދެއެވެ.