ޚަބަރު

2024: ޤައުމަށް އަގުހުރި އެތައް ޚިދުމަތްތެރިންނެއް ވަކިވި އަހަރެއް


  • އާންމު ޚިދުމަތުގެ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ހިމެނޭ

  • މި ބޭބޭފުޅުންގެ ޚިދުމަތް ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ

ސަރުކާރުގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންނާއި ތައުލީމާއި ސިއްޙީ އަދި ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އަގުހުރި އެތައް ޚިދުމަތްތަކެއްކުރެއްވި ޚިދުމަތްތެރިންތަކެއް 2024 ވަނަ އަހަރު އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީއެވެ.

ނިމިދިޔަ 2024 ވަނަ އަހަރު އަލްވަދާއުކީ، ރާއްޖެއަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ މަޝްހޫރު އެތައް ބޭފުޅުންނެއް ހިމެނެއެވެ. އެ ލިސްޓު ވަރަށް ދިގެވެ.

ޤާނޫނީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބާ ކައުންސިލުގެ ރައީސް އިސްމާޢީލް ވިޝާމް އަވަހާރަވީ 2024 ޖެނުއަރީ މަހުގ 31 ވަނަ ދުވަހުއެވެ. ވިޝާމް އަވަހާރަވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

‏ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމަށާއި ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއްކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސްކަމަށް ވިޝާމް އިންތިހާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުއެވެ. ވިޝާމް ވަނީ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޓެލެވިޜަން މޯލްޑިވްސްއިން ހޮވި ލާމަސީލު ކާފަގެ މަޤާމް ހާސިލްކުރެއްވި ހ.ރީތިގަސްދޮށުގެ, ސަޢީދު ޙުސައިން ނިޔާވީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ސަޢީދު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ. ސައީދަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީބުގެ ބައްޕާފުޅެވެ.

ސަޢީދު ވަނީ 2007 ވަނަ އަހަރު ޓީވީއެމްއިން ގެނެސްދިން ލާމަސީލު މާމަ، ކާފަ ޕްރޮގްރާމުން ލާމަސީލު ކާފަގެ މަޤާމު ހާސިލު ކުރައްވާފައެވެ. ސަޢީދު އެ މަޤާމު ހާސިލު ކުރެއްވީ ބެލުންތެރިން ފޮނުވި 18،316 މެސެޖާއެކު 26،584 ޕޮއިންޓް ހޯއްދަވައިގެންނެވެ.

ސަޢީދަކީ 2006 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ އިނާމް ހާސިލްކުރެއްވީ ފެހުމުގެ މަސައްކަތުގެ ދާއިރާއިންނެވެ. އިނާމް ލިބިވަޑައިގެންނެވިއިރު އެ މަސައްކަތް ކުރާތާ 37 އަހަރު ވަނީވެފައެވެ.

ފެހުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވައި، އިތުރު މީހުންނަށް ވަޒީފާ ދެއްވައިގެންވެސް މަސައްކަތް ކުރައްވާފައިވެއެވެ. އަދި ބައެއް ރިސޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ޓޫރިސްޓުންނަށް ބޭނުންވާ ބައެއްކަހަލަ ހެދުންތައް ފައްސަވައި، އެ ފިހާރަތަކަށް ފޮނުއްވެވިއެވެ.

ސަޢީދު އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ކަނޑުމަތީ އުޅަނދުފަހަރުގެ ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތް ހިމެނެއެވެ. އަދި ސަރުކާރުން ޤަބޫލުކުރައްވާ މިންގަނޑަށް ސަޢީދު މި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ލައިފްޖެކެޓަށްވުރެ، ސަޢީދު ފައްސަވާ "ރީތި ލައިފްޖެކެޓް" އަގުހެޔޮވުމުގެ ސަބަބުން، އެތަކެތި ގަންނަ ފަރާތްތަކުގެ މަޤްބޫލުކަން ލިބިފައިވެއެވެ.

ފެހުމުގެ މަސައްކަތުގައި ސަޢީދަށް ލިބިވަޑައިގެންފައިވާ ހުނަރެއްގެ ސަބަބުން، މިންނެގުމެއްނެތި، މީހާ ބަލައިލުމަށްފަހު އެމީހަކަށް ހެޔޮވަރަށް، ގަމީސް ފެއްސެވިއެވެ.

ޓީވީއެމްއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހީމް ޝާކިރު ނުވަތަ ޝާކިރުބެ ނިޔާވީ އުމުރުން 85 އަހަރުގައެވެ.

ޝާކިރުބެއަކީ ފިލްމުތަކުންނާއި ޑްރާމާތަކުން އާއްމުންގެ މެދުގައި މަގްބޫލު ބޭފުޅެކެވެ. އެގޮތުން އާއްމުންގެ މެދުގައި މަގްބޫލު އެތައް ފިލްމްތަކަކާއި ޑްރާމާތަކެއްގައި ޝާކިރުބެ ހަރަކާތްތެރިވެފައިވެއެވެ. އެ މަސައްކަތްތަކުގެ އިތުރުން ޝާކިރުބެއަކީ ޓެލެވިޒަން މޯލްޑިވްސް، ޓީވީއެމްއަށްވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ޓީވީއެމްގެ ޑިޔުަޓީ އޮފިސަރެއްގެ ވަޒީފާގައި ހުންނަވައިގެން ގަހާއި ބަގީޗާ ހެއްދެވުމަށް އިސްނަންގަވައި، ޓީވީއެމް ޒީނަތްތެެރިކުރުމުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ޝާކިރުބެ ކޮށްދެއްވިއެވެ. އަދި ޝާކިރުބެ ވަނީ ޓީވީއެމްގެ ޑްރާމާތަކާއި ފިލްމުތަކުގައި ހިލޭ ސާބަހަށް ބައިވެރިވެދެއްވާފައެވެ.

ޝާކިރުބެއަކީ ހުރިހާ މުވައްޒަފުންނާއިވެސް ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި މ. ޒިޔާރަތްދޮށުގޭ އަޙްމަދު ޙާފިޒް އަވަހާރަވީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމުގެ ދާއިރާގައި ޙާފިޒް ވަނީ މަސައްކަތްކުރައްވާފައެވެ. އޭނާ އަވަހާރަވީއިރު އުމުރުފުޅަކީ 62 އަހަރެވެ.

ޙާފިޒް އަވަހާރަވީ ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޙާފިޒް ވަނީ އެމްބީއޭގެ ރައީސްކަންވެސް ދެ ދައުރަކު ކުރުއްވާފައެވެ. ޙާފިޒްގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ބާސްކެޓަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެއްވިއެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރާތްތަކާއި، ރާއްޖޭގައި ބޭއްވި މުބާރާތްތަކާއި، ކުޅުންތެރިން ބިނާކުރުމުގައި ޙާފިޒްގެ ދައުރު ފާހަގަކޮށްލެވެއެވެ.

ޙާފިޒް ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ޙާފިޒް ވަނީ ކަނޑުއަޑީގެ ދިރުންތަކާއި މަސްމަހާމެއްސާ ގުޅޭގޮތުން ވަރަށް ބައިވަރު ޢިލްމީ ދިރާސާތައް ކުރައްވައި ލިޔުންތައް ވެސް ޝާއިއު ކުރައްވާފައެވެ.

އޭގެ އިތުރުން ޙާފިޒް ވަނީ ފިޝަރީޒް މިނިސްޓަރީގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މެރިން ރިސާޗްގައިވެސް ޙާފިޒް ވަނީ ރާއްޖޭގައި އަލަށް ފެންނަ މަހަށް ނަން ދިނުމުގެ މަސައްކަތް ކުރައްވާފައެވެ.

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެމަނިކުފާނު ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރުދުވަހުއެވެ. އެއީ 1968 އިން 1978 އަށެވެ. މީގެ އިތުރުން އެމަނިކުފާނަކީ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަންވެސް ކުރައްވާފައެވެ.
މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުންހިތާމައެއް ކަމަށެވެ. އަދި މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި ސުވާރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފް ނިޔާވީ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ. ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދިޔައީ ފަރުވާ ދެމުންނެވެ. އުމުރުން 38 އަހަރުގެ ބަކާގެ ހާލަތު ގޯސްވީ އެނބުރި ރާއްޖެ އައިފަހުން ހުންގަދަވެ އިންފެކްޝަނެއް އުފެދިގެންނެވެ.

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި ބަކާ އަކީ މުހިއްމު ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި އޭނާ ނުފެންނަނީ އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ހުއްޓާލިކަން ހާމައެއް ނުކުރެއެވެ.

ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ.

ޙުސައިން ޝަރީފަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޝަރީފް އަވަހާރަވީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ޝަރީފް ނިޔާވުމާ ގުޅިގެން ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުންދަނީ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙުސެއިން ޝަރީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ވަޒީރުވަނީ ޝަރީފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

ޙުސައިން ޝަރީފް ނިޔާވުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝަރީފާއެކު ބޭއްވެވި ބައްދަލުވުމުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޝަރީފަކީ ޚުލްޤު ހެޔޮ ދީލަތި ބޭފުޅެއްކަން އެބައްދަލުވުމުން އެނގިވަޑައިގަތް ކަމަށެވެ. ޝަރީފާއެކު ބޭއްވި ބައްދަލުވުމުގައި މާލޭ އިބްރާހީމް މިސްކިތް އަލުން ބޮޑުކޮށް ޤުއްބުލާފައި ތަރައްޤީކުރުމަށް ޝަރީފް ހުށައަޅާފައިވާއިރު އެޕްރޮޕޯސަލްއަށް ސަރުކާރުން ރުހުން ދެއްވާފައިވާކަންވެސް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.

އަދި އެދުވަހުގެ މަޝްވަރާތަކުގައި ރާއްޖޭގައި އިތުރު މިސްކިތެއް އަޅަން ބޭނުންވާކަމަށް ވިދާޅުވުމުން އެކަމުގެ މަޢުލޫމާތު އޮޅުންފިލުއްވާ އެކަމަށް ވަގުތުން އީޖާބީ ޖަވާބެއް ދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެއީ ޝަރީފާ އަލަށް ބައްދަލުވީ ދުވަސް ނަމަވެސް އެދުވަހު ޝަރީފްގެ އަޚްލާޤާއި ދީލަތިކަން އަދި ޚުލްޤު ހެޔޮކަން ފާހަގަވިކަމަށެވެ. އަދި ޝަރީފަށްޓަކައި މާތްﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވުން އެދި ވަޒީރުވަނީ ދުޢާކުރައްވާފައެވެ.

ޝަރީފަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާއެވެ. ޝަރީފް މަޝްހޫރުވެފައިވަނީވެސް އެރަށުގެ ނަން ކަމަށްވާ ބޮލިފުށި، ޝަރީފްގެ ގޮތުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝަރީފް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.

ސަރުކާރަށް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ މ. ކަރާދުނބުރިއާގެ، މުޙައްމަދުފުޅު އަވަހަރަވީ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

އަލްމަރުޙޫމް މުޙައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަޤާމުގައެވެ.

މުޙައްމަދުފުޅު އަވަހަރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

މުޙައްމަދުފުޅު އަވަހަރަވީއިރު ޢުމުރުފުޅަކީ އުމުރުން 80 އަހަރެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މއ.އަތަމާގެ، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވހާރަވީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ޢުމުރުން 94 އަހަރުގައި އަތަމާ ޢަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުންގެންދަވަނިކޮށެވެ.

ރާއްޖޭގައި ގިނަ ބަޔަކު ޙައްޖަށް ގެންގޮސްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައިވާތީ ޖަމާޢަތަށް ފައިދާހުރި ޚާއްސަ ޚިދުމަތްކުރުމުގެ ރޮނގުންވަނީ ޢާއްމު ޚިދުމަތުގެ އިނާމު 1991 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ ޢަބްދުއްލަޠީފަކީ ޙައްޖަށް މީހުންގެންދިއުމުގެ މަސައްކަތް ގިނަ އަހަރުތަކެއްވަންދެން ކުރެއްވި ޚިދުމަތްތެރިއެކެވެ.

ދިވެހި ކުޅިވަރަށް ނުހަނު ގިނަ ޚިދުމަތްތަކެއްކޮށް ދެއްވާފައިވާ ހުސައިން ނަސީމް ނިޔާވީ އޯގަސްޓް 5 ވަނަ ދުވަހުއެވެ.

ހުސައިން ނަސީމް ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުޅުއްވީ ކެންސަރުބަލީގެ ފަރުވާގައެވެ. މީގެ ހަފްތާއެއް ކުރިން އިންޑިއާއަށް ދިޔައީ ފައިގައި ލޭކޮޅެއް ގަނޑުވާތީ އެކަމަށް ފަރުވާ ހޯދެއްވުމަށެވެ.

ނިޔާވެފައިވަނީ އިންޑިއާގެ ރާޖްގިރިޔާ ހޮސްޕިޓަލްގައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހުސައިން ނިޔާވިއިރު އަންހެން ބޭފުޅަކާއި ފިރެހެން ބޭފުޅެއްގެ އިތުރުން އަނބިކަބަލުން ދުނިޔޭގައި އެބަތިއްބެވިއެވެ.

37 އަހަރަށްވުރެން ގިނަ ދުވަހު ކުޅިވަރު ވުޒާރާގައި ޚިދުމަތް ކުރެއްވި ހުސައިން ނަސީމަކީ ވަރަށް މަޑުމައިތިރި އެހާމެ ހިތް ހެޔޮ އިހުލާސްތެރި ބޭފުޅެކެވެ. މާލޭގެ ދަނޑުތައް ކަމަށްވާ ގަލޮޅު ގަނޑާއި ހެންވޭރު ދަނޑު އަދި ސްޓޭޑިއަމް ސަރަހައްދުގައި ހުރި ދަނޑުތަކުގެ އިތުރުން އެކި ކުޅިވަރުތައް ކުޅޭ ކޯޓްތައް ބަލަހައްޓާ މުބާރާތްތައް ކުޅުމަށް އެ ދަނޑުތަކާއ ކޯޓްތައް ތައްޔާރު ކުރުމުގައި ހުސައިން ނަސީމަކީ އަމަލީ ގޮތުން އެކަން ކުރެއްވި ބޭފުޅެކެވެ.

80ގެ އަހަރުތަކުގައި އެއް ވެސް މެޝިނަރީއެއް ނެތި އަތުން ވިނަތައް ކޮށާ ފެންދީ، މުބާރާތަށް ދަނޑު ފުރިހަމަކުރުމަށް ހުސައިން ނަސީމް އަކީ އަމަލީ ގޮތުން އެކަން ކުރެއްވި ބޭފުޅާއެވެ. ގަލޮޅު ދަނޑުގެ ފެހިކަންގަދަ ވިނަގަނޑު އެގޮތުގައި ބެހެލެއްޓުމަށް ހުސައިން ވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ސްޕޯޓްސް ޑިޥިޒަން އުފެދިގެން، ކުޅިވަރުގެ ޚިދުމަތްތަކާއި ބެހޭބައިގައި އިސްކޮށް މަސައްކަތް ކުރެއްވީ ހުސައިންނެވެ. ކެންސަރުގެ ފަރުވާގައި އުޅުއްވި ނަމަވެސް ހުސައިން ގެންދެވީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.

ހުސައިންގެ ވަކިވެދިޔުމާއި ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ އާއިލާއިން ދަނީ ހުސައިންގެ ޚިދުމަތްތަކަށް ތައުރީފްކޮށް، އާއިލާއަށް ކެތްތެރިކަން ދެއްވައި ތައުޒިޔާ ރައްދު ކުރަމުއެވެ. ހުސައިންއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމުއެވެ.

މެޝިނަރީ ނެތް ޒަމާނުގައި އަމިއްލަ ވިސްނުން ބޭނުންކޮށްގެން އައު އީޖާދުތައް ގެނުވި. ގަލޮޅު ދަނޑުން ފެންނަ ފެހިކަން ނުވަތަ ވިނަގަނޑަކީ ޙުސައިން ނަސީމުގެ މަސައްކަތުގެ ނަމޫނާއެކެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވީ އޯގަސްޓްމަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޔިތާގެ މޫނު ދެކެވަޑައިގަތުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެންފައެވެ.

މޫސާ މުޙައްމަދުފުޅަކީ ދިވެހިރާއްޖޭގެ ތަޖްރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ހުދުމާ ވިޔަފާރިއަކީ އޭނާގެ ވިޔަފާރިއެވެ. މިއީ ފޮއްޗާއި، ފޭރާން އަދި ސްކޫލް ކުދިންނަށް ބޭނުންވާ ޔުނީފޯމު ފަދަ ތަކެތި ވިއްކުމަށް މަޝްހޫރު ފިހާރައެކެވެ. ހުދުމާއިން މާލޭގެ އިތުރުން އަތޮޅުތަކަށްވެސް ފޭރާމާއި ފޮތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ކުރެއެވެ.

މޫސާ މުޙައްމަދުފުޅު އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ.

މައްލާ ޅަތުއްތުއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފުރީއެވެ. އޭނާ އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް އޯގަސްޓްމަހުގެ 15 ވަނަ ދުވަހުއެވެ.

މައްލާ އަކީ ފީފާ ބެޖު ހާސިލުކުރެއްވި ފުރަތަމަ ދިވެހި ރެފުރީއެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގައި 1969 އިން 1995 އަށް ރެފުރީކަން ކުރެއްވި މައްލާ ފީފާ ބެޖުގައި ރެފުރީކަން ކުރައްވާފައިވަނީ 1990 އިން 1993 އަށެވެ. މީގެ އިތުރުން މައްލާ ވަނީ އޭޝިއަން ކުލަބު ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އާއި، ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައިވެސް ރެފުރީކަން ކުރައްވާފައެވެ.

މައްލާ ވަނީ ދިވެހި ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2021 ވަނަ އަހަރު ހާސިލުކުރައްވާފައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވީ އުމުރުން 76 އަހަރުގައެވެ. ޒާހިރު ނިޔާވީ އޯގަސްޓްމަހުގެ 17 ވަނަ ދުވަހު ލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. މުހައްމަދު ޒާހިރު ނުވަތަ އޯކޭ ޒާހިރަކީ ހުނަރުވެރި، އަދި ކުޅަދާނަ ވިޔަފާރިވެރިއެކެވެ.

އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުމާއެކު، ތަފާތު އެކި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ. މީގެ އިތުރުން، އޯކޭ ޒާހިރަކީ ރާއްޖޭގައި މިހާރު ފެންނަމުންދާ ސިޔާސީ ހެޔޮ ބަދަލުތައް ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރެއްވި، ޤައުމީ ބަޠަލެކެވެ. ހަމަ އެހެންމެ، އެމަނިކުފާނަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ލާމަސީލު އަދި ޝަރަފުވެރި ނަމޫނާއެކެވެ.

ޒާހިރަކީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރީގެ ދަށުން، ދިވެހިރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކުގެ ތެރޭގައި "ސާފު ލިކުއިޑް"، "ފަސޭހަ ޕައުޑަރ"، "އޭ ބްލީޗް" އަދި އުއްބައްތި ހިމެނެއެވެ. އަދި "ވަސްމީރު" އެއަރފްރެޝްނަރ، "MX8" ވުޑް ގްލޫއަކީވެސް ޒާހިރުގެ އަމިއްލަ އުފެއްދުންތަކެވެ. މި އުފެއްދުންތަކަކީ ޒާހިރުގެ އުފެއްދުންތެރި ވިސްނުމާއި ވިޔަފާރީގެ ހުނަރުވެރިކަން ދައްކުވައިދޭ މިސާލުތަކެކެވެ.

އޭނާގެ ވިޔަފާރީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރުމުގައި އޭނާ ކުރި މަސައްކަތްތައް ފާހަގަކުރެވުނެވެ. މިފަދަ އިޤްތިޞާދީ ދާއިރާގައި ކުރެވުނު އުފެއްދުންތެރި މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، 1993 ވަނަ އަހަރު ޤައުމީ އިނާމު ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަކީވެސް ޤައުމަށް އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވި ބޭފުޅެކެވެ. ޢަބްދުލްޢަޒިޒް އަވަހާރަވީ ސެޕްތެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ޢަބްދުލްޢަޒީޒު އަބްދުﷲވަނީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. ޢަބްދުލްޢަޒީޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަންވަނީ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ރައީސުލްޖުމްހުރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ އަދާކުރައްވާފައެވެ. ޢަބްދުލްޢަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަނީ ޚިދުމަތް ކުރައްވާފައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް މިދިޔަ އަހަރު ލިބިވަޑައިގެންފައެވެ.

ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ހަގުދަރިކަނބަލުން، އެއްގަމުގޭ އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވީ އޮކްޓުބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީދީދީގެ 4 ބޭފުޅުންގެ ތެރެއިން އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްފަހުއެވެ. އެކަމަނާ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

އަންނަބިލާ ޚަދިޖާ އިބްރާހީމްދީދީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން ހެންވޭރު އަންހެނުންގެ ކޮމިޓީގެ ރައީސްކަންވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ. ޚަދީޖާ އިބްރާހިމް ދީދީ އަވަހާރަވުމާއެކު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބެފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި އިންނެވީ އޮނަރަބަލް އަބްދުއްސައްތާރު މޫސާ ދީދީގެ ހުވަފަތް އަނބިކަނބަލުން ޢާއިޝަތު އިބްރާހީމް ދީދީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވީ ސްޓްރޯކެއް ޖެހިގެންނެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރައްވާފައެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުންގެ ނަންފުޅުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވީ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ.

މުޙައްމަދު ޔޫސުފްއަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު ޔޫސުފް އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، ޑރ. އިބްރާހިމް ޝާފިއުގެ ބައްޕާފުޅެވެ.

މުޙައްމަދު ޔޫސުފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒީޔާ ދަންނަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއިއެކުގައިކަމަށެވެ.

މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއްކަމަށާއި، މަރުޙޫމް މުޙައްމަދު ޔޫސުފަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރި، އަދި ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފުޅާދާއިރާއެއްގައި ޝިޕިންގެ ވިޔަފާރި ކުރެއްވި މުހައްމަދު ޔޫސުފްއަކީ، 1970ގެ އަހަރުތަކުގައި ރާއްޖެއިން ފާހަގަކުރެވުނު އެންމެ ތަނަވަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

މުހައްމަދު ޔޫސުފްވަނީ ވަނީ ކޮލެރާ ފެތުރުނު ދުވަސްވަރު ރާއްޖެ އިން ބޭރުން އަމިއްލަ ޚަރަދުގައި ޑޮކްޓަރުންނާއި ބޭސް ގެނެސް ދިވެހިންނަށް ފަރުވާ ކުރެވޭނެ އިންތިޒާމްފަދަ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދެއްވާފައެވެ.

އުމުރުފުޅުން 75 އަހަރުގައި މުހައްމަދު ޔޫސުފު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.