ޚަބަރު

އައު އަހަރާ ދިމާކޮށް ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނާ އެކު އެމެރިކާ ދެމިއޮންނާނެ ކަމުގައި


ރަޝިޔާ ހުއްޓުވުމަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނާ އެކު އެމެރިކާއިން ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި މި ވަނީ އައު އަހަރުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ވީޑިޔޯ މެސެޖެއްގައެވެ. ޒެލެންސްކީ ވިދާޅުވީ، 34 މަހަށް ދިގުދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެ ޤައުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ، ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ ރަޝިޔާއިންނެވެ. މި ހަނގުރާމައިގެ ދަށުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ރައްދުގައި ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާއަށް ސިފައިން ފޮނުވާފައެވެ. އަދި، އެ ޤައުމުގެ ހުޅަނގުގައި އޮތް ކޫރްސްކްގެ ބައެއް ރަށްތަކާއި އަވަށްތަކަށް ވެރިވެގަނެފައެވެ.

އައު އަހަރުގެ މެސެޖުގައި ޒެލެންސްކީ ވިދާޅުވީ، ސުލްޙަ ޤާއިމުކޮށް ދުނިޔޭގެ އިޙުތިރާމު ޔޫކްރެއިނަށް ލިބޭނީ ވަރަށް ހަރުދަނާ ޤައުމެއްގެ ގޮތުގައި ދެމިއޮވެގެން ކަމުގައެވެ. "އަޅުގަނޑުމެންނަށް އިނގޭ، ސުލްޙައަކީ ބަޔަކު ހަދިޔާއެއްގެ ގޮތުގައި ދޭނެ އެއްޗެއް ނޫން ކަން، ނަމަވެސް ރަޝިޔާ ހުއްޓުވަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން، އަޅުގަނޑުމެން އެންމެންގެ އެދުމަކީ އެއީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި ދާދިފަހުން ދައްކަވާފައިވާ ވާހަކަތަކުގެ ތަފުސީލު ވެސް ޔޫކްރެއިންގެ ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. "[ރަޝިޔާގެ ރައީސް ވްލަޑިމިޔަރ] ޕުޓިންގެ ހަނގުރާމައަށް ނިމުމެއް ގެނެސް، ސުލްޙަ ޤާއިމު ކުރަން އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބޭނުންވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، އެމެރިކާގެ ވާތްގާ އެކު، ސުލްޙަވާން ރަޝިޔާއަށް މަޖުބޫރު ކުރުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިގެންވޭ،" އޭނާ ވިދާޅުވިއެވެ.

ރަޝިޔާއަކީ އެއްވެސް މައިދާނެއްގައި އިތުބާރު ކުރެވޭނެ ފަދަ ޤައުމެއް ނޫން ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. "މިއަދު ރަޝިޔާއިން އަތާ އަތް ޖޯޑުކޮށް ސަލާމް ކޮށްފާނެ، ނަމަވެސް އޭގެ މާނަކީ ހަމަ އެ އަތުން މީހުން މެރުމުގެ މަސައްކަތް މާދަމާ ނުފަށާނެ ވާހަކައެއް ނޫން. މިނިވަނުން ދެކެ ރަޝިޔާއިން ޖެހިލުންވޭ. އެ މީހުން އެ ކަން ފަހުމެއް ނުވޭ. އެއީ މިނިވަން ކަމާ މެދު ވެސް ޖެހިލުންވާ ބަޔެއް،" ރަޝިޔާއާއި ޕުޓިންނަށް ފާޑުވިދާޅުވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އެވެ. ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް ބޭނުންވާ ގިނަ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއާއި ނޭޓޯއިންނެވެ. އެ ކަމުގެ އަޑީގައި ހުންނެވީ ބައިޑަނެވެ.

އެމެރިކާއަކީ ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި މިއަދު ފެނިގެން ދިޔަ ނަމަވެެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެ މަންޒަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މައިގަނޑު ސަބަބަކީ، އެމެރިކާގެ އިންތިޚާބީ-ރައީސް ޓްރަމްޕަކީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ބޭފުޅަކަށް ވުމެވެ. އަދި، އެ ކަމާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވަމުން ގެންދަވާ ބޭފުޅަކަށް ވުމެވެ.

މި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގަންނަވާއިރު، ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން އޭނާގެ ސަރުކާރުގައި ހުއްޓައިލުން، ނުވަަތަ މަދު ކުރުމުގެ ބިރު ޔޫކްރެއިނަށް އެބައޮތެވެ. ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެންނަވާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ޒެލެންސްކީ ޤަބޫލު ކުރައްވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވެސް ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެއެވެ.

ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ބިމުގެ %18 ސަރަޙައްދަކަށް ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައިވާއިރު، އޭގެ ތެރޭގައި އިރުމަތީ ދޮންބާސް ސަރަޙައްދުގައި އޮތް ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ރަށްތަކާއި އަވަށްތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ވެސް 2014ވަނަ އަހަރު ރަޝިޔާއިން ވެރިވެގަނެފައިވާ ބިމެކެވެ.