ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމެކެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައެވެ.
މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ އެއްބަސްވުމެކެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް އެކްސްޕޯޓްކުރުމަށް މަގުފަހިވެ ދިވެހި މަސްވެރިންނަށް ޑިއުޓީއެއް ދައްކަން ނުޖެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެއެވެ. ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މަގުފަހިވެފައިވާތީ، އެކްސްޕޯޓް އިތުރުކުރެވުމުން ބޭރު ފައިސާ ލިބުމުގެ ފުރުސަތު އިތުރުވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޕްރޮސެސިން ދާއިރާ ފުޅާކުރުމަށް މަގުފަހިވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެއެވެ. އެއްބަސްވުމާއިއެކު ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ ޗައިނާގެ އިންވެސްޓްމަންޓްތަށް ރާއްޖޭގައި އިތުރުވާނެއެވެ. އަދި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިޤްތިޞާދީ ދާއިރާ އަދި ތަރައްޤީގެ އެކިއެކި ދާއިރާއިން ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ މަޢާފުކުރުމުގެ ސަބަބުން އެފަދަ މުދަލުގެ އަގު ހެޔޮވެ ވިޔަފާރި އިތުރުވެގެންދާނެއެވެ. ވިޔަފާރީގެ ޚަރަދުތައް ކުޑަވެ ވިޔަފާރިއަށް ފަސޭހަ މާހައުލެއް މި އެއްބަސްވުމުގެ ސަބަބުން ޤާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާއިރު މިއީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ތާރީހީ ދުވަހެކެވެ. ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއްއޮތް 707 މިލިޔަންއާއި ގާތްކުރާ އަދަދެއްގެ މެދު ފަންތީގެ އާމްދަނީއެއް ލިބޭ ޤައުމެކެވެ. އެހެންކަމުން މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދު މެކުހަށް ޖަހާލާނެކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.