މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ހިނގި ކާރު އެކްސިޑެންޓުގައި މަރުނުވެ ސަލާމަތްވީތީ އެކަމާ ޝުކުރުވެރިވާ ކަމަށް ވެސްޓް ހޭމް ޔުނައިޓެޑުގެ ފޯވާޑް މިކޭލް އެންޓޯނިއޯ ބުނެފިއެވެ.
ކާރު އެކްސިޑެންޓުގައި ލިބުނު އަނިޔާގައި އުމުރުން 34 އަހަރުގެ ކުޅުންތެރިޔާގެ ފައި ބިންދައިގެން ގޮސްފައިވާއިރު އޭނާ ވަނީ ތިން ހަފްތާއަށްފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
އެންޓޯނިއޯގެ އިންސްޓަގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ އަހަރެއް ނިމޭއިރު އޭނާއަށް އެ އަހަރަކާއިގުޅޭ ގޮތުން ދައްކާނެ މާގިނަ ވާހަކަތަކެއް ނޭނގުނު ނަމަވެސް މި އަހަރު އެންގޭ ކަމަކީ އޭނާ މަރުނުވެ ސަލާމަތުން ހުރީތީ އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާ ވަރަށް އަވަހަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ވެސްޓްހޭމް ޔުނައިޓެޑް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންޓޯނިއޯ އެކްސިޑެންޓު ވުމާއިއެކު އެން އެޗް އެސް އާއި އެއަ އެންބިއުލާންސް އިން ވެދިން އަވަސް އެހީތެރިކަމަށްޓަކައި އެ ކްލަބުގެ ޖާޒީ ވިއްކައިގެން ފަސްދޮޅަސް ހާސް ޕައުންޑާއި ގާތް ކުރާ އަދަދެއްގެ ފައިސާގެ އެހީތެރިކަން އެ ފަރާތަށް ވެދޭނެ ކަމަށެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެންޓޯނިއޯ ދުއްވާފައި ދިޔަ އޭނާގެ ފެރާރީ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ މީހުން އެތަނަށް ދިޔައިރު އެންޓޯނިއޯ އަށް އަނިޔާވެ އޭނާ އޮތީ ކާރު ތެރޭގައި ތާށިވެފަ އެވެ.
ޖެމެއިކާ އަށް އުފަން އުމުރުން 34 އަހަރުގެ އެންޓޯނިއޯ ވެސްޓްހޭމް ޔުނައިޓެޑް އާއި ގުޅިފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި މިހާތަނަށް ލީގުގައި އޭނާ ވަނީ ވެސްޓްހޭމް އަށް ކުޅެދިން 268 މެޗުގައި 68 ލަނޑު ޖަހާފަ އެވެ. އޭނާ އަކީ އެ ކްލަބުގެ ތާރީޚުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.