ޚަބަރު

އެމެރިކާއާއި ޔަހޫދީން ޔަމަނަށް ބޮން އަޅަނީ، ހޫޘީން ތިބީ ފަހަތަށް ޖެހޭކަށް ނޫން


އެމެރިކާއިން ޔަނަމުގެ ޞަންޢާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އެ ޤަައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް, ހޫޘީން އެމެރިކާއަށް އިންޒާރު ދީފިއެވެ.

‎ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.

‎އެ ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ. މި ސަބަބުތަކަށްޓަަކައި އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ފަރާތުން ޔަމަނަށް އަމާޒު ވަމުންދާ ޙަމަލާތައް ވަނީ އިތުރު ވެފައެެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ ސަންޢާގެ ދެ ޑިސްޓްރިކްޓަކަށް އަމާޒުކޮށް 12 ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދިން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެ ޙަމަލާތަކާ ގުޅިގެން ހޫޘީންގެ ތަރުޖަމާނު މުޙައްމަދު އަބްދުއްސަލާމު ބުނީ އެމެރިކާއިން ޔަމަނަށް އަމާޒުކޮށް އެތައް ޙަމަލާއެއް ދިން ނަމަވެސް ޤައުމު ދިފާޢު ކުރުމުގައި ޤައުމުގެ އެންމެން ވެސް ދެމި ތިބޭނެ ކަމަށެވެ. ޔަމަނަށް ދޭ ޙަމަލާއަކީ މިނިވަން ދައުލަތެއްގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށާއި އެއީ ނިރުބަވެރި ޔަހޫދީ ދައުލަތުން ފަލަޞްޠީނުގެ ޣައްޒާގައި ހިިންގަމުންދާ ޖަރީމާއަށް ހިތްވަރު ދިނުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޔަހޫދީ ދައުލަތުން ވެސް ވަނީ ސަންޢާގެ މައި ވައިގެ ބަނދަރަށް ވަރުގަދަ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ތިން މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ އިތުރުން މައި ބަނދަރު ހުންނަ ޙުދައިދާއަށް ދިން ޙަމަލާގައި ވެސް ތިން މީހުން ވަނީ ޝަހީދު ވެފައެވެ. ޞަންޢާގެ މައި ވައިގެ ބަނދަރަށް ދިން ޙަމަލާއިން އެ ވަގުތު އެ ވައިގެ ބަނދަރުގައި ހުންނެވި ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާ, ޑަބްލިޔުއެޗްއޯގެ ވެރިޔާ ތެދްރޮސް އަދޮަނަމް ގެބްރިޔޭސުސް ވެސް ސަލާމަތްވެ ވަޑައިގަތީ ކިރިޔާއެވެ. އެ ޙަމަލާތަކާ ގުޅިގެން ހޫޘީން ވަނީ އެ ޙަމަލާތަކުގެ ބަދަލުގައި އަވަސް ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. ނިރުބަވެރި ޔަހޫދީ ފައުޖުން ދޭ ކޮންމެ ޙަމަލާއަކާ ވިއްދައިގެން އެ އަށްވުރެ ވަރުގަދަ ޙަމަލާއެއް ދޭނެ ކަމަށް ހޫޘީން ވަނީ އިންޒާރު ދީފައެވެ.

ޔަހޫދީ ދައުލަތުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑޮނަން ހޯމަ ދުވަހު ވަނީ ހޫޘީންނަށް ދޭ އެންމެ ފަހު އިންޒާރު ކަމަށް ބުނެ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ދެމުންދާ މިސައިލް ޙަމަލާތައް ހުއްޓައިލުމަށް ގޮވައިލައިފައެވެ. ނަމަވެސް އޭގެ ގަޑިއިރުކޮޅެއް ފަހުން ހޫޘީން ވަނީ ޔަހޫދީންނަށް އަމާޒުކޮށް މިސައިލް ޙަމަލާއެއް ދިނުމަށް ޖެހިލުންކުޑަކަމާ އެކު މަސައްކަތް ކޮށްފައެވެ. ހޫޘީންގެ ޙަމަލާަތައް އަމާޒު ކޮށްފައި ވަނީ ތެލް އަވީވު ކައިރީގައި އޮންނަ ބެން ގުރިއޯން ވައިގެ ބަނދަރަށާއި ކަރަންޓުގެއަކަށެވެ. އެ ޙަމަލާގައި ހޫޘީން ބޭނުން ކުރީ ހައިޕަސޮނިކް ބެލިސްޓިކް މިސައިލަކާއި ޒުލްފިޤާރު ބެލިސްޓިކް މިސައިލެއް ކަމަށް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވަނީ ބުނެފައެވެ. ހޫޘީންގެ އިންޤިލާބީ ކޮމިޓީގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހޫޘީ ވެސް ވަނީ ޔަހޫދީ ދައުލަތަށް އަމާޒު ކުރާ ޙަމަލާތައް ހުއްޓައި ނުލާނެ ކަމަށް ބުނެފައެވެ.