އައު އަހަރަކަށް ދުނިޔޭގެ ކަންކޮޅުތަކަށް އަލި ވިލެމުން ދަނީ އެކި ޤައުމަށް އެކި ގަޑީގައެވެ. ބައެއް ޤައުމުތަކުން މިހާރު 2025އަށް ކުލަގަދަކޮށް މަރުޙަބާ ކިޔާފައިވާއިރު އަނެއް ބައި ޤައުމުތަކުން އަދިވެސް ތިބީ 2024ވަނަ އަހަރުގެ ފަހު ވަގުތުކޮޅު ގުނައިލަގުނައިލައެވެ.
އެންމެ ފުރަތަމަ އައު އަހަރަށް މަރުޙަބާ ކިޔަން ފަށައިފައި ވަނީ ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ ޤައުމުތަކުންނެވެ. އެ ގޮތުން ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން އައު އަހަރަށް އެންމެ ފުރަތަމަ މަރުޙަބާ ކިއީ ނިއުޒީލެންޑުގެ އައުކްލަންޑުންނެވެ. އެ ޤައުމުގެ އެންމެ އުސް އިމާރާތް ކަމުގައިވާ ސްކައި ޓަވަރު ސަރަޙައްދުގައި އޮތް ކުލަގަދަ ބަޑިބޭހުގެ ކުޅިވަރުތަކާއި ލައިޓު ޝޯވ ބަލައިލުމަށް އެ ޤައުމުގެ އެތައް ހާސް ބަޔަކު ވަނީ މެންދަމުން ބާރަ ޖަހަންވާއިރަށް އެ ސަރަޙައްދަށް އެއްވެފައެވެ.
މި އަހަރުގެ ލައިޓު ޝޯވ ޚާއްޞަ ކޮށްފައި ވަނީ އެ ޤައުމުގެ އިންޑިޖޭނަސް ގަބީލާތައް ބަލައިގަތުމަށެވެ. އެ ޙަރަކާތް ބާއްވާފައިވަނީ 2024ވަނަ އަހަރުގެ ތެރޭގައި މައޯރީ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް އެ ޤައުމުގައި ގިނަ މުޒާހަރާތަކެއް ބާއްވާފައި ވަނިކޮށެވެ.
އޮސްޓްރޭލިއާގެ ސިޑްނީ ހާބަރުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ޚާއްޞަ ހަވާ އެރުވުމުގެ ޙަރަކާތް ބަލައިލުމަށް މި އަހަރު ވެސް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެ ސަރަޙައްދަށް އެއްވެފައެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސް ޝޯވ ދީ ލަވަކިޔުމުގައި ޢާންމުންނާއެކު ބައިވެރިވެފައިވާއިރު ނިއުޒީލެންޑެކޭ އެއްގޮތަށް އޮސްޓްރޭލިއާއިން ވެސް ވަނީ އެ ޤައުމުގައި ފުރަތަމަ ވަޒަންވެރިވި އާބާދީ ހުށަހެޅުންތަކުގައި ފާހަގަ ކޮށްފައެވެ.
އައު އަހަރާ ދިމާކޮށް ޖަޕާނުގައި އޮތީ ގެދޮރު ގަދަޔަށް ސާފު ކުރުމެވެ. އައު އަހަރަކީ ޖަޕާނަށް އަންނަ އެންމެ ބޮޑު ޗުއްޓީއެވެ. މި ގޮތަށް ގެދޮރު ސާފު ކުރުމުގައި ބިމުގައި އަޅައި ފައިފުހިތަކުގައި ޓަޓާމީއޭ ކިޔާ ދަނޑިއަކުން ތެޅުމަކީ އެ މީހުންގެ އާދައެކެވެ.
ތައިލެންޑުގެ ބެންގކޮކުގައި އައު އަހަރު ފާހަގަ ކުރަން މޯލްތަކުގައި ލައިވް ޝޯވތަކާއި ބަޑިބޭހުގެ ކުޅިވަރުތައް އޮތެވެ. ކޮންމެ މޯލަކުން ވެސް ވީހާ ވެސް ގިނަ ބަޔަކު އެ މޯލަކަށް ގެނެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ދެކުނު ކޮރެޔާގެ ބޭންޑެއް ކަމަށްވާ ބްލެކް ޕިންކުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ލީސާގެ ހުށަހެޅުމެއް ވެސް އައު އަހަރުގެ ޙަރަކާތްތަކުގެ ތެރެއިން ވަނީ ފެނިފައެވެ.
އިންޑޮނޭޝިޔާގެ ޖަކާޓާގައި އައު އަހަރު ފާހަގަ ކުރީ ހަވާ އެރުވުމުގެ ކުލަގަދަ ޙަރަކާތަކުންނެވެ. އެ ޙަރަކާތުގައި 800އަށްވުރެ ގިނަ ޑްރޯން ބޭނުން ކޮށްގެން ޑްރޯން ޝޯވއެއް ވެސް ވަނީ ހިމަނައިފައެވެ. އޭގެ ފަހުން ޖަކާޓާގެ މަޝްހޫރު ހޮޓެލް އިންޑޮނޭޝިޔާގައި އައު އަހަރަށް މަރުޙަބާ ކިޔުމަށް ކައުންޓުޑައުނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދެކުނު ކޮރެޔާގައި އައު އަހަރުގެ ޙަރަކާތްތައް ވަނީ މަޑުޖައްސާލައިފައެވެ. ބައެއް ސަރަޙައްދުތަކުގައި ކުޑަ ގޮތަކަށް އައު އަހަރު ފާހަގަ ކުރި ނަމަވެސް އެހެންް ސަރަޙައްދުތަކުގައި އެއްވެސް ޙަރަކާތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެއީ އާދީއްތަ ދުވަހު އެ ޤައުމުގެ މަތިންދާބޯޓެއް ވެއްޓި 179 މީހުން މަރުވެފައި ވާތީ އެކަމުގެ ހިތާމައިގައެވެ.
ނިރުބަވެރި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަޞްޠީނުގައި އައު އަހަރާ ކުރިމަތިލަމުން ދަނީ މާޔޫސްކަމާއި މޮޅިވެރިކާމާ އެކުގައެވެ. ވޭތުވެދިޔަ 2024ވަނަ އަހަރަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް އެންމެ ހިތްދަތި އެއް އަހަރެވެ. ޔަހޫދީ ފައުޖުން ނަސްލުހޭދު ކުރަމުންދާ ޣައްޒާގެ ރައްޔިތަކު ބުނީ އެ އަހަރަކީ ބަނޑުހައިހޫނުކަމާއި ގެދޮރު ގެއްލުމާއި އަނިޔާއާއި ފަޤީރުކަމުގެ އަހަރެއް ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އޭނާގެ 10 އަހަރުގެ ދަރިފުޅު ޝަހީދުވެފައިވާ ނޫރު އަބޫ އުބައިދު ބުނީ ކުރިއަށް އޮތް އަހަރު ވެސް ހެޔޮ ގޮތެއް ވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި ދުނިޔެ މަރުވެފައިވާ ކަމަށެވެ.
އައު ވެރިކަމަކަށް މަރުޙަބާ ކިޔައިފައިވާ ސޫރިޔާގައި އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެރިކަން ކުރާ ދިމިޝްޤުގައި ކޮންމެވެސް ވަރަކަށް ހަވާ އަރުވާފައި ވެއެވެ. ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައިސްފައިވާއިރު އެ ޤައުމުގެ ރައްޔިތުން އައު އަހަރާ ކުރިމަތި ލަނީ އުއްމީދާ އެކުގައެވެ.
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ދުބާއިގެ ބުުރުޖު ޚަލީފާގައި ވަރަށް ކުލަގަދަ ކޮށް އައު އަހަރު ފާހަގަ ކުރެއެވެ. އާދައިގެ މަތިން މި އަހަރު ވެސް ބުރުޖު ޚަލީފާ އެކި ކުލަކުލައިން ދިއްލާލައި ހަވާއެރުމުގެ ޙަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޙަރަކާތުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި އައު އަހަރަށް މަރުޙަބާ ކިއީ އުފާވެރި މާހައުލަކުންނެވެ. ޗެމްޕްސް އެލިސީސްގައި ހަވާ އެރުވުމުގެ ޚާއްޞަ ޙަރަކާތަކާއި ކައުންޓުޑައުނެއް އެ ސިޓީން ވަނީ ބާއްވައިފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގެ ތޭމްސް ކޯރު ސަރަޙައްދުގައި ބަޑިބޭހުގެ ޚާއްޞަ ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން 10,000އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވި ޕެރޭޑެއް ވެސް ސިޓީ ސެންޓަރުގައި ބާއްވާފައި ވެއެވެ. މެންދަމުން އަލިވެ 12 ޖެހުމާއެކު ބިގް ބެން ގަޑީގެ ރަނގަބީލު ވަނީ ގުގުމައިލައިފައެވެ. ނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ބޭއްވުމަށް ރާވާފައިވާ ޙަރަކާތްތައް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.
ނަމަވެސް ސްވިޒަލެންޑު ފަދަ ބައެއް ޤައުމުތަކުން މޫސުމަށް ބެލުމެއް ނެތި އެމީހުންގެ އުފާ ފައުޅުކުރުމުގެ ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފިނި މޫސުމާ ކުރިމަތިލަމުންދާ އެ ޤައުމުހެ މީހުން ވަނީ އައު އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކޯރުތަކާއި ގޮނޑުދޮށްތަކުގެ ފިިނިފިނި ފެންގަނޑަށް ފުއްމައިފައެވެ.
ސްޕެއިނުގައި އައު އަހަރަށް މަރުޙަބާ ކިޔުމަށް ތަފާތު ކަމެއް ކުރެއެވެ. އެ ޤައުމުގެ މީހުން ޤަބޫލު ކުރާ ގޮތުގައި އައު އަހަރު ފެށޭ ފުރަތަމަ މިނެޓުގައި 12 މޭބިސްކަދުރު ކެއުމަކީ ނަސީބު ރަނގަޅުވާ ކަމެކެވެ. އެހެންވެ އެ ޤައުމުގެ ގިނަ ބަޔަކު އައު އަހަރު ފެށުނު ވަގުތު މަޝްއޫލު ވެގެން ތިބީ އަވަދިނެތި މޭބިސްކަދުރު ކެއުމުގައެވެ.
ބްރެޒިލްގައި އައު އަހަރު ފާހަގަ ކުރުމަށް ވަރަށް ފުރިހަމަ ހަވާއެރުވުމުގެ ޙަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަނިތާއާއި ކައިޓީނޯ ވެލެސޯގެ ހުށަހެޅުންތައް ވެސް ފެނިގެން ދިޔަ ޙާރަކާތުގައި ދެ މިިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އައު އަހަރު ފާހަގަ ކުރުމަށް ގިނަ ޙަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އަބަދުވެސް އެންމެ ފާހަގަ ކޮށްލެވޭ ޙަރަކާތަކީ އެމެރިކާގެ ނިއު ޔޯކު ސިޓީގައި އޮންނަ 6 ޓަނުގެ އައު އަހަރުގެ ބޯޅަ ވެއްޓުމުގެ ޙަރަކާތެވެ. މި އަހަރުގެ ޙަރަކާތްތަކުގައި ޓީއެލްސީއާއި ޖޮނަސް ބަރަދާސްއާއި ރީޓާ އޯރާއާއި ސޯފީ އެލިސް-ބެކްސްޓަރގެ ޚާއްޞަ ހުށެހުޅުންތައް ފެނިގެން ދާނެއެވެ. ވާރެއާއި ފިނިކަމާ ކުރިމަތި ލާން ޖެހުނު ނަމަވެސް މި ޙަރަކާތުގައި އެތަައް ހާސް ބަޔަކު ބައިވެރިވާނެއެވެ.