ޚަބަރު

ތިނަދޫ އިންޖީނުގެ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ޤާއިމްކުރައްވަން ހަމަޖެހިފައިވާ، ރާވާލެވިފައިވާ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން، ސްރީލަންކާގެ އެޑްވާންސް ސްޓީލް ކޮންސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިފިއެވެ.

މި މަސައްކަތް އެކުންފުންޏާ ޙަވާލުކުރީ މިކަމަށްޓަކައި މިއަދު އެކުންފުނީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ކުރިއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތިނަދޫގެ އައު އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.

މިއަހަރުގެ ޖަނަވަރީމަހުގެ 26 ވަނަ ދުވަހު ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ އިންޖީނުގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހަލާކުވި އިންޖީނުގޭގެ ބަދަލުގައި ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރާވާލެވިފައިވާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ހާވާލުކުރުމުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވީ މި މަސައްކަތަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. އަދި ތިނަދޫ އައު އިންޖީނުގޭގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށް ނިމާލް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14670320287501.jpg|ތިނަދޫ އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފެނަކަ

އެގޮތުން ވަކި މަޝްރޫޢުއެއްގެ ދަށުން ސީސީޓީވީ ކެމެރާއާއި ފަޔަރ އެލާރމިން ސިސްޓަމެއް ޤާއިމްކުރައްވާނެކަމަށް ނިމާލު ވިދާޅުވިއެވެ. މިހާރު ހަދަން ހަމަޖެހިފައިވާ އިމާރާތުގައި އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިދާރީ އޮފީހެއް ހިމެނޭނެކަމަށް ނިމާލް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތިނަދޫ އިންޖީނުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ތިނަދޫގައި ޤާއިމްކުރެވޭ އައު އިންޖީނުގެއަކީ ކުރިން އެތަނުގައި އަލިފާނުގެ ޙާދިސާ ހިނގިއިރު ހުރި އިންޖީނުގެއަށްވުރެ ފެންވަރު ރަނގަޅު އަދި ސަލާމަތީ ގޮތުން ވަރުގަދަ އިންޖީނުގެއްކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. ތިނަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 153 ދުވަހުގެ ތެރޭގައެވެ.