ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ކަމުގައި، އެ ޤައުމުގެ މައި އިދިކޮޅު އިއްތިޙާދުގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ އިއްތިޙާދުން ހާމަކޮށްފިއެވެ. އެ އިއްތިޙާދުގެ ވެރިޔާ ހާދީ އަލް-ބަޙްރާ ވިދާޅުވީ، ސޫރިޔާގައި އައު ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން އެޗްޓީއެސުން އިޢުލާނު ކޮށްފައިވާ މަޝްވަރާތަކަށް އޭނާގެ އިއްތިޙާދަށް ދަޢުވަތު އަރުވާފައި ނުވާ ކަމުގައެވެ.
އެޗްޓީއެސުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމަށް ނިމުމެއް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ އެޗްޓީއެސުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރަކުންނެވެ. އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތްތައް ކަމުގައިވާ އަލް-ޤާޢިދާއާއި އައިސިސްއާ ކުރިން ގުޅުން އޮތް ގުރޫޕެކެވެ.
ސޫރިޔާގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާތަކެއް ބާއްވާނެ ކަން އެޗްޓީއެސުން އިޢުލާނު ކޮށްފައިވާއިރު، ބަޙްރާ ވިދާޅުވީ އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދަޢުވަތު އޭނާގެ އިއްތިޙާދަށް އަރުވާފައި ނުވާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން އެ އިއްތިޙާދާއި އެޗްޓީއެސާ ދެމެދު އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައި، އަދި މުއާޞަލާތު ކުރެވިފައި ނުވާ ކަމުގައެވެ.
ސޫރިޔާގެ ހުރިހާ ދަރިކޮޅުތަކާއި އެ ޤައުމުގައި ހަރަކާތްތެރިވާ ހުރިހާ ޖަމުޢިއްޔާއެއްގެ ބައިވެރިވުމާ އެކު ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަން ހާމަކޮށްފައި ވަނީ އެޗްޓީއެސްގެ ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢެވެ. އެ މަޝްވަރާތަކުގައި ސޫރިޔާގެ ޤާނޫނު ހަދާ މަޖިލިސް އަދި ޤާނޫނުއަސާސީ އުވައިލުމާ މެދު ވޯޓަށް އަހާނެ ކަން ވެސް އޭނާ ހާމަކުރިއެވެ. ނަމަވެސް، އެ މަޝްވަރާތައް ފަށާނެ ތާރީޚު އޭނާ އިޢުލާނު ކޮށްފައެއް ނެތެވެ.
ސޫރިޔާގެ މައި އިދިކޮޅު އިއްތިޙާދު އެކުލަވައިލާފައި ވަނީ 2012 ވަނަ އަހަރުއެވެ. އެއީ، އަސަދުގެ ސަރުކާރާ ދެކޮޅަށް ތެދުވެފައިވާ ޖަމާޢަތްތަކާއި ދަރިކޮޅުތަކުގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ އެ އިއްތިޙާދުގެ މަސައްކަތްތައް ހިންގަމުން ދަނީ ތުރުކީވިލާތުގައެވެ.