ޚަބަރު

އެއާޕޯޓް ޓެކުހަށް ގެނައި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާގެ އިތުރުވުމެއް


  • ޓެކްސް ރޭޓަށް ބަދަލު ގެނެސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން

  • އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ ފީއަށް ބަދަލެއް ނާދޭ

އެއާޕޯޓް ޓެކްސްއަށް ގެނައި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށް 274 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. އެއަރޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި ބަދަލާއިއެކު ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނެގި ނަމަވެސް އައު ޤަވައިދުގެ ދަށުން ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން މި އަދަދު ވަނީ 50 ޑޮލަރަށް ބަދަލުކޮށްފައެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރެއްގެ އަތުން މީގެކުރިން 50 ޑޮލަރު ނެގި ނަމަވެސް، މިހާރު ނަގަނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން ކުރިން 90 ޑޮލަރު ނެގިއިރު އައު ބަދަލާއިއެކު މިހާރު ނަގަނީ 240 ޑޮލަރެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަމުން އައިނަމަވެސް، 1 ޑިސެމްބަރގެ ފަހުން ނަގަމުންދަނީ 480 ޑޮލަރެވެ.

މި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 26ގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެގޮތުގައި ދައުލަތައް ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26ގެ ނިޔަލަށް އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހުގެގޮތުގައި ދައުލަތައް ލިބިފައިވަނީ 961 މިލިޔަން ރުފިޔާއެވެ. ނަމަވެސް 1 ޑިސެމްބަރ އިން ފެށިގެން އައު ޓެކްސް ރޭޓާއިއެކު މި އަދަދު ވަނީ 1.1 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އެހެންކަމުން ސަރުކާރުން އައު ޓެކްސް ރޭޓަށް ގެނައި ބަދަލާއިއެކު ދައުލަތުގެ އާމްދަނީއަށް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު 274 މިލިޔަން ރުފިޔާ އިތުރަށް ލިބިފައެވެ.

މި ރޭޓުތަކަށް ބަދަލު އައި ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން 97.8 އިންސައްތަ ދިވެހިން ދަތުރުކުރީ އިކޮނޮމީ ކްލާހުގައެވެ. އަދި ރާއްޖެއައި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކުރީ އިކޮނޮމީ ކްލާހުންކަމަށް މީރާގެ ތަފާސްހިސާބުތަކުންދައްކައެވެ.