ޚަބަރު

ޔަމަންގެ ޙޫޘީން ނައްތައިލާނެ ކަމަށް ޔަހޫދީން އދގައި ބުނެފި


ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނަށް ޙަމަލާދީ، އެ ޖަމާޢަތް ނައްތައިލާނެ ކަމަށް ބުނެ ޒަޔަނިސްޓު އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ދާނީ ދަނޯން އިންޒާރު ދީފިއެވެ. އޭނާ ޙޫޘީންނަށް އިންޒާރު ދީފައި މި ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ޙޫޘީ ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލަށް ދެމުންދާ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ، މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަށް ނައްތައިލާފައިވާ ފަދައިން، އެ ޖަމާޢަތް ވެސް ނައްތައިލާނެ ކަމުގައެވެ.

ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ. މީގެ އިތުރުން، ޙޫޘީން ދަނީ ނުރައްކާތެރި މިސައިލާއި އަސްކަރީ ޑްރޯން ފަަދަ ހަތިޔާރު ބޭނުން ކޮށްގެން އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.

ޙޫޘީންނަށް އިންޒާރު ދެމުން ދަނޯން ބުނީ، ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް، ޙަމާސާއި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިތުރުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ނައްތައިލާފައިވާ ގޮތާއި އެއްފަދަ ގޮތަކަށް ޙޫޘީން ވެސް ނައްތައިލާނެ ކަމުގައެވެ.

ޙަމާސާއި ޙިޒްބުاللهގެ އިތުރުން ޙޫޘީންނަކީ މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކެކެވެ. އެ ކަމާ ގުޅުވައި ދަނޯން ވަނީ އީރާނަށް ވެސް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އޭނާ ބުނީ، މެދުއިރުމަތީގައި ކޮންމެ ޤައުމަކަށް ޙަމަލާދިނުމުގެ ބާރާއި ޤާބިލު ކަން ޔަހޫދީ ފައުޖަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި އީރާނުގެ ވެރިރަށް ތަހްރާން ވެސް ހިމެނޭ ކަމުގައެވެ. ޔަހޫދީންގެ އިސްތިޢުމާރީ ބާރުވެރިކަން ދައްކަމުން މި ދަނީ އެމެރިކާގެ މަދަދުވެރިކަމާ އެކުގައެވެ.

ޙޫޘީންނަށް ދަނޯން އިންޒާރު ދިނުމާ ގުޅިގެން، އެ ޖަމާޢަތުން އެ އިންޒާރުތަކަށް ރައްދު ދީފައި ވަނީ ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ޙަމަލާއެއް ދީގެންނެވެ. ޙޫޘީންގެ މިސައިލް ޙަމަލާއާ ގުޅިގެން އިސްރާއީލުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި، ބިންގަރާސްތަކަށް ވަދެ، ޔަހޫދީން ފިލިއެވެ. ނަމަވެސް، ޙޫޘީންގެ މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.

"ޔަހޫދީންނަށް [އިސްރާއީލަށް] އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ، ޣައްޒާގެ ރައްޔިތުންނަށް ވާގިވެރިވުން ހުއްޓައިނުލައި ކުރިއަށް ގެންދާނަން،" ދަނޯންގެ އިންޒާރުތަކަށް ރައްދު ދެމުން ޙޫޘީ ޖަމާޢަތުގެ އިންޤިލާބީ އެންމެ މަތީ މަޖިލީހުގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ޢަލީ އަލް-ޙޫޘީ ވިދާޅުވިއެވެ.

ދަނޯން ޙޫޘީންނަށް އިންޒާރު ދީފައި މި ވަނީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް އެ ފަދަ މޭރުމަކުން އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އަނިޔާވެރި ނަތަންޔާހޫ ބުނީ، ޙޫޘީން ނައްތައިލުމުގެ މަސައްކަތް އަދި ރަނގަޅަށް ނުފެށޭ ކަމުގައެވެ. އޭނާ މި މޭރުމުން ބުނެފައި މި ވަނީ، ޔަމަންގެ ވެރިރަށް ޞަންޢާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ޞަންޢާގެ ވައިގެ ބަނދަރަށް ޔަހޫދީ ފައުޖުން ބޮންއަޅާފައި ވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ޔަމަނަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅާ ދިމާކޮށެވެ. ވައިގެ ބަނދަރަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ނުރައްކާތެރި ޙަމަލާތަކެއް ދިން ވަގުތު ޓެޑްރޯސް ހުންނެވީ ވައިގެ ބަނދަރު ތެރޭގައެވެ. އެ ޙަމަލާގައި، ޓެޑްރޯސް ދަތުރު ކުރައްވަން ހަމަޖެހިފައި އޮތް މަތިންދާބޯޓުގެ އެއް ފަޅުވެރިއަކު ޒަޚަމުވިއެވެ.

ޔަމަނަށް ދިން ޙަމަލާތަކާއި ދަނޯންގެ އިންޒާރުތަކާ ގުޅިގެން ރަޝިޔާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޔަމަނަށް އަމާޒުކޮށް ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ޙަމަލާތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބެންޒިޔާ ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,541އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,338 މީހުން ޒަޚަމު ކޮށްލާފައެވެ.